ސަސުއޯލޯ ދޫކޮށް އިޓަލީގެ ސްޓްރައިކަރު ޖިއަންލޫކާ ސްކަމަކާ ވެސްޓްހަމްއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، އުމުރުން 23 އަހަރުގެ ސްކަމަކާ ވެސްޓްހަމްއަށް ވިއްކާލަން ސަސުއޯލޯ އިން އެއްބަސްވެފައި ވަނީ 30.5 މިލިއަން ޕައުންޑަށެވެ. އަދި އޭނާ އެ ކްލަބަށް ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިއާއެކު މިއީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެސްޓްހަމްއާ ގުޅެން ނިންމި ހަތަރު ވަނަ ކުޅުންތެރިޔާއެވެ.

ސްކަމަކާ ވަނީ ނިމިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި ސަސުއޯލޯއަށް ކުޅުނު 36 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ޕީއެސްވީ އިން 2015 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސްކަމަކާ ސަސުއޯލޯއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި އިޓަލީގެ ކްލަބްތަކުގެ އިތުރުން ނެދަލޭންޑްސްގެ ކްލަބަކަށް ކުޅެފައެވެ.

ޒުވާން ސްޓްރައިކަރު ސްކަމަކާ އިޓަލީގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅެފައިވާއިރު، އޭނާ ވަނީ މިހާތަނަށް އިޓަލީއަށް ހަތް މެޗު ކުޅެފައެވެ. ނަމަވެސް އަދި އޭނާއަށް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.