ޓޮޓެންހަމް ހޮޓްސްޕާއާ އެކުގައި ހަދާފައިވާ އެއްބަސްވުން އެ ކްލަބްގެ ވޭލްސް ޑިފެންޑަރު ބެން ޑޭވިސް އާކޮށްފިއެވެ.

ބެން ޑޭވިސް ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރިކަން އެ ކްލަބުން ބުނެފައިވާއިރު، އާ އެއްބަސްވުމުގެ ދަށުން އޭނާ އެ ކްލަބުގައި 2025 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.

ބެން ޑޭވިސް ޓޮޓެންހަމްގެ އެއްބަސްވުން އާކޮށްފައި މިވަނީ މި ޓްރާންސްފާ ބާޒާރުގައި އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން މަސައްކަތް ކުރަމުން ދަނިކޮށް، ޓޮޓެންހަމްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

ސްވަންސީ ސިޓީ އިން 2012 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ބެން ޑޭވިސް ޓޮޓެންހަމްއަށް 2014 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވީ އެ ކްލަބުގައި ދެ އަހަރު ހޭދަ ކުރުމަށްފަހުއެވެ.

މިގޮތުން ޑޭވިސް ވަނީ މިހާތަނަށް ޓޮޓެންހަމްގައި އަށް ސީޒަން ހޭދަކޮށް ކުޅުނު 271 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޓޮޓެންހަމްއާއެކު 2018 ވަނަ އަހަރުގެ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ވޭލްސްއާއެކު 2018 ވަނަ އަހަރު ޗައިނާ ކަޕް ހޯދާފައިވާ ބެން ޑޭވިސް ވަނީ ގައުމީ ޓީމަށް 74 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބުކޮށްފައެވެ.