ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ކުޅޭނީ ލީގު އުސޫލުން ކަމަށާއި، ޓްރާންސްފާގެ ފުރުސަތެއް ނުދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް އިން ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންގެ ކްލަބްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ނަތީޖާތަކަށް ބެލުމަށްފަހު އެންމެ ދަށްކޮށް ޕޮއިންޓް ލިބޭ ދެ ޓީމެއް ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅެން ޖެހޭނީ ކޮލިފިކޭޝަނެއް ކަމަށެވެ.

މިގޮތުން ކޮލިފިކޭޝަންގައި ދިވެހި ޕްރިމިއާ ލީގުން އެންމެ ދަށްކޮށް ޕޮއިންޓް ހޯދާ ދެ ޓީމު ވާދަ ކުރަން ޖެހޭނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ރަނަރަޕްއާއެކު ލީގު ބުރެއް ކަމަށާއި، ކޮލިފިކޭޝަންގައި ހަތަރު ޓީމު މެދުގައި ކުޅޭ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ކުރިޔަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބިގެންދާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ލީގު ބުރުގެ މެޗުތަކުން މޮޅުވެއްޖެނަމަ ތިން ޕޮއިންޓް ދޭއިރު، އެއްވަރުވުމުން ލިބޭނީ އެއް ޕޮއިންޓެވެ. އަދި ބަލިވެއްޖެނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެއެވެ. މީގެއިތުރުން ލީގު ބުރު ނިމޭއިރު ޕޮއިންޓްގެ ގޮތުން ދެޓީމެއް ނުވަތަ އެއަށްވުރެ ގިނަ ޓީމު އެއްވަރު ވެއްޖެނަމަ މޮޅުވާ ޓީމެއް ކަނޑައަޅާނީ ލަނޑުގެ ތަފާތުންނެވެ.

ލަނޑުގެ ތަފާތަށް ބަލައިގެން އެއްވަރުވެއްޖެނަމަ، މޮޅުވާ ޓީމު ހަމަޖައްސާނީ ގިނަ ލަނޑު ޖަހާފައިވާ ޓީމެވެ. މިގޮތުން އެއްވަރުވެއްޖެނަމަ، މޮޅުވާ ޓީމެއް ހޮވާނީ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލައިގެން މޮޅުވެފައިވާ ޓީމެކެވެ. މިގޮތުންވެސް އެއްވަރުވެއްޖެނަމަ މޮޅުވާ ޓީމު ބަލާނީ ގުރު ލައިގެންނެވެ.

މީގެއިތުރުން އެފްއޭއެމް އިން ބުނެފައި ވަނީ ދިވެހި ލީގަށް ކުޅޭ ކޮލިފިކޭޝަނަށް ޓްރާންސްފާގެ ފުރުސަތު ނުލިބޭއިރު، ޓީމުތަކަށް އެހެން ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ފުރުސަތު ނުލިބޭނެ ކަމަށެވެ.