ދިވެހި ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު، ގަދަ ހަތަރެއްގެ ވާދަވެރިކަން ފަހު މެޗާ ހަމަޔަށް އައިއިރުވެސް ބޮޑުވެއްޖެއެވެ.

ލީގުގެ ޗެމްޕިއަންކަން ހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ހޯދި 57 ޕޮއިންޓާއެކުގައެވެ. އެޓީމުގެ ފަހަތުން ދެވަނައިގައި އީގަލްސް އޮތީ ކުޅުނު 20 މެޗުން ހޯދި 46 ޕޮއިންޓާއެކުގައެވެ.

މީގެއިތުރުން ތިންވަނައިގައި 20 މެޗުން 29 ޕޮއިންޓް ހޯދައިގެން ކްލަބް ވެލެންސިއާ އޮތްއިރު، ހަތަރު ވަނައިގައި 20 މެޗުން 28 ޕޮއިންޓް ހޯދައިގެން އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ފަސް ވަނައިގައި 20 މެޗުން 27 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް އޮތްއިރު، 20 މެޗުން 26 ޕޮއިންޓާއެކު ހަ ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ.

މިގޮތުން ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ކަށަވަރުވާނީ އަންނަ ހަފްތާގައި ކުޅެވޭ ލީގުގެ ފަހު މެޗުތަކަށްފަހުއެވެ. އަދި އެ ދެ ޖާގައަށް ހަތަރު ޓީމު އަންނަނީ ވާދަކުރަމުންނެވެ. އެއީ ވެލެންސިއާ، ޓީސީ، ގްރީން އަދި ޔޫވީއެވެ.

ލީގުގައި އަންނަ އާދީއްތަ ދުވަހު ހަވީރު ބައްދަލުކުރާނީ ކުރިޔަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިން ކުޅެން ޖެހޭކަން ޔަގީންވެފައިވާ ސުޕާ ޔުނައިޓެޑް ސްޕޯޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ.

ޕޮއިންޓް ތާވަލަށް ބަލާއިރު ސަސް އޮތީ ކުޅުނު 20 މެޗުން 15 ޕޮއިންޓް ހޯދައިގެން ހަތް ވަނައިގައެވެ. އެޓީމުގެ ފަހަތުން 8 ވަނައިގައި ދަ ގްރާންޑޭ އޮތީ ކުޅުނު 20 މެޗުން ލިބުުނު ދެ ޕޮއިންޓާއެކުގައެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ ބައްދަލުކުރާނީ ގަދަ ހަތަރަކަށް ވާދަކުރާ ޓީސީ އަދި ގްރީންއެވެ. މި މެޗު ކާމިޔާބުކުރުން ދެޓީމަށްވެސް މުހިންމެވެ. އެއީ ހޯމަ ދުވަހު ހަވީރު ވެލެންސިއާ އަދި ޔޫވީ ބައްދަލުކުރާ މެޗުން ނިކުންނަ ނަތީޖާއަކުން ވެދާނެ ގޮތަކުންނެވެ.

ލީގުގައި ކުޅެވޭ އެންމެ ފަހު މެޗު އަންނަ ހޯމަ ދުވަހުގެ ރޭ ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން މާޒިޔާ އަދި ދެވަނަ ޔަގީން ކޮށްފައިވާ މާޒިޔާއެވެ. މި ސީޒަނުގައި މާޒިޔާ ބަލިވެފައި ވަނީ ހަމައެކަނި އީގަލްސް އަތުން އެކަނިކަން ފާހަގަކޮށްލަން ޖެހެއެވެ.