ދިވެހި ޕްރިމިއާ ލީގުގައި 1=6 ގެ ތަފާތުބޮޑު ނަތީޖާއަކުން ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ދަ ގްރާންޑޭ މޮޅުވެއްޖެއެވެ.

ލީގުގައި ދަ ގްރާންޑޭ އަދި ސަސް ބައްދަލުކުރި މި މެޗު ފެށިގެން ހަ ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދުއެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ދަ ގްރާންޑޭއެވެ.

މިގޮތުން ދަ ގްރާންޑޭ އިން ވަނީ 30 ވަނަ މިނެޓުގައި ހޫގޯ ނިކޮލަސްގެ ލަނޑުން ލީޑު ފުޅާކޮށްފައެވެ. އޭގެ ހަތް މިނެޓު ފަހުން ނިކޮލަސް ވަނީ ދަ ގްރާންޑޭގެ ތިންވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް 38 ވަނަ މިނެޓުގައި ސަސްއަށް ލިބުނު ޕެނަލްޓީއަކުން އިބްރާހިމް އަތީގް ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ދަ ގްރާންޑޭ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓީޯ: އެފްއޭއެމް

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިކޮލަސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 1-4 ގެ ނަތީޖާއަކުން ސަސްގެ މައްޗަށް ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ދަ ގްރާންޑޭ ތަފާތުކޮށް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ 76 ވަނަ މިނެޓުގައި ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ނިކޮލަސްއެވެ. އަދި ދަ ގްރާންޑޭގެ ހަވަނަ ލަނޑު ޖެހީ އަހުމަދު ޝަމާލްއެވެ.

މިއީ ލީގުގައި ދަ ގްރާންޑޭ އަދި ސަސް ކުޅުނު ފަހު މެޗެވެ. ލީގުގައި ސަސް ކުޅުނު 21 މެޗުން އެޓީމަށް 15 ޕޮއިންޓް ހަމަ ކުރެވިފައިވާއިރު، ދަ ގްރާންޑޭއަށް 21 މެޗުން ހަމަކުރެވުނީ ފަސް ޕޮއިންޓެވެ. ލީގުގެ ހަތްވަނަ ސަސްއަށް ލިބުނުއިރު، ދަ ގްރާންޑޭއަށް ލިބުނީ 8 ވަނައެވެ. މިގޮތުން މި ދެޓީމު ކުރިޔަށް އޮތް ދިވެހި ލީގުގެ ކޮލިފައިން ކުޅެން ޖެހޭނެއެވެ.