ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ 1-4 ގެ ނަތީޖާއަކުން ބަލިކޮށް ވެލެންސިއާ އިން ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވިއިރު، މެޗުގައި ފެނިގެންދިޔަ ފަސް ލަނޑުވެސް ޖަހާފައި ވަނީ ދެވަނަ ހާފްގައެވެ.

މިގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާ އިންނެވެ. މި ލަނޑު 55 އިސްމާއިލް ޒާން އާމިރު ކާމިޔާބުކުރިއިރު، އޭގެ 11 މިނެޓު ފަހުން އަބްދުﷲ ޔާމީން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ޖެހީ ހަސަން ސުފިޔާނުއެވެ.

މި މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ވެރަސް އިވާން ކާމިޔާބުކުރިއިރު، ވެލެންސިއާގެ ހަތަރު ވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިސްމާއިލް އީސާއެވެ.

މި ނަތީޖާއާއެކު ކުޅުނު 21 މެޗުން ހޯދި 32 ޕޮއިންޓާއެކު ވެލެންސިއާ އިން ޕޮއިންޓް ތާވަލުގެ ތިންވަނަ ކަށަވަރުކުރިއިރު، މެޗުން ބަލިވި ޔުނައިޓެޑް ވިކްޓްރީއަށް ކުޅުނު 21 މެޗުން ލިބުނީ 26 ޕޮއިންޓެވެ. އަދި އެޓީމަށް ލިބިފައި ވަނީ ހަ ވަނައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް:

  1. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  2. ކްލަބް އީގަލްސް
  3. ކްލަބް ވެލެންސިއާ
  4. ކްލަބް ގްރީން ސްޓްރީޓްސް

ލީގުގައި ކުޅެވޭ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ މާޒިޔާ އަދި އީގަލްސްއެވެ. މި މެޗު ފަށާނީ މިރޭ 21:00 ޖަހާއިރެވެ.