ޔުއެފާ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 0-1 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ޑައިނަމޯ ޒަގްރެބް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ޗެލްސީންނެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ޑައިނަމޯ ޒަގްރެބް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އޯސިކްއެވެ.

މި ލަނޑާއެކު ޗެލްސީން ކުރިޔަށް ޖެހި އެޓޭކްތަކެއް ކުރި ނަމަވެސް، ޑައިނަމޯ ޒަގްރެބް ވަނީ ފަހަތަށް ޖެހި ޗެލްސީ ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެޓީމުން ވަނީ ޗެލްސީގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.

މި މެޗުގެ ކައުންޓާގައި ޑައިނަމޯ ޒަގްރެބްއަށް ލީޑު ފުޅާ ކުރަން ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އަދި ޗެލްސީން ދިޔައީ އެޓީމު ކޮޅަށް އިތުރު ލަނޑެއް ވަނެ ނުދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މެޗުގެ ދެވަނަ ހާފްގައިވެސް ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން މި ހާފްގައިވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އޭގެއިން ހަމަލާއެއްގެ ބޭނުން އެޓީމަށް ރަނގަޅު ގޮތުގައި ހިފިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބް އަދި ޗެލްސީ ހިމެނެނީ އޭސީ މިލާން އަދި ސަލްޒްބާގްއާއެކު އެއް ގްރޫޕެއްގައެވެ.