ނޭޕާލްގައި ކުރިޔަށްދާ ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ރާއްޖޭގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ކަތަމަންޑޫގައި ކުރިޔަށްދިޔަ މި މެޗު ފެށިގެން ބަންގްލަދޭޝްގެ ފަރާތުން ވަރަުގަދަ ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުގެ ފަރާތުން ވަރުގަދަ ހަމަލާތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ރާއްޖޭގެ ފަރާތުން ފެނިގެން ދިޔައީ ޑިފެންސިވް ކުޅުމެކެވެ.

މި މެޗުގައި ބަންގްލަދޭޝް އިން ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. މި ލަނޑު ބަންގްލަދޭޝްއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ސަބީނާ ހާތުންއެވެ. މި ލަނޑަށްފަހުވެސް ބަންގްލަދޭޝްގެ ފަރާތުން ވަނީ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.

މިގޮތުން 34 ވަނަ މިނެޓުގައި މަސޫރާގެ ލަނޑުން ބަންގްލަދޭޝް އިން ލީޑު ފުޅާ ކޮށްފައިވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ސަބީނާއެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބަންގްލަދޭޝްގެ ފަރާތުން ހަމަލާތަކެއް ފެނުނުއިރު، މި ހާފްގައި ރާއްޖެއިން ވަނީ ޑިފެންސް އިތުރަށް ވަރުގަދަކޮށް ބަންގްލަދޭޝް ހިފަހައްޓާފައެވެ. މިއާއެކު ލީޑު އިތުރަށް ފުޅާކުރަން ބަންގްލަދޭޝް ވަނީ ނުކުޅެދިފައެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އަދި ޕާކިސްތާންއާއެކު އެއް ގްރޫޕެއްގައެވެ. ގްރޫޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނިކުންނައިރު، 13 ވަނަ ދުވަހު ފަހު މެޗުގައި ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.