އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް، އާސެނަލްގެ އަތް ދަށުވެއްޖެއެވެ.

ލަންޑަންގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މި މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މި ނަތީޖާއާ އެކުގައި އާސެނަލް އަށް ކުޅުނު އަށް މެޗުން 21 ޕޮއިންޓް ލިބި، ތާވަލްގެ އެއް ވަނައިގައި ވަނީ ހަމަޖެހިލައިފައެވެ. މިއީ ޕްރިމިއާ ލީގުގައި ޓޮޓެންހަމްވި ފުރަތަމަ ބައްޔެވެ.

ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 17 ޕޮއިންޓް ލިބިފައެވެ. މާދަމާރޭ ސިޓީން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިނަމަ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެއެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑް، ސިޓީ އަތުން މޮޅުވެއްޖެ ނަމަ، ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެ ޓީމަށް ވެސް އޮންނާނެއެވެ.

އާސެނަލް ދަނޑުގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެ، ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރީ އާސެނަލްއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާސެނަލް އިން ލީޑް ނެގީ މިޑްފީލްޑަރު ތޯމަސް ޕާޓޭ ޖެހި ހިތްގައިމު ލަނޑުންނެވެ. އޭރިއާ ބޭރުން ބެން ވައިޓް ދިން ބޯޅަ ޕާޓޭ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފައެވެ.

ޓޮޓެންހަމް އިން އެއްވަރުކުރީ މެޗުުގެ 31 ވަނަ މިނެޓުގައި ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީއަކީ، ގެބްރިއަލް މަގާޅައެސް، ޓޮޓެންހަމްގެ ރިޗާލިސަން އަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ 49 ވަނަ މިނެޓުގައި ގެބްރިއަލް ޖެސުސް ވަނީ އާސެނަލް އަށް ލީޑް ފުޅާކޮށްދީފައެވެ. މި ލަނޑަކީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޯރިސް ހެދި ގޯހަކުން ޖެހި ގޯލެކެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އެމަސަން ރޯޔާލް އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ. އެއީ އާސެނަލްގެ ގެބްރިއަލް މާޓެނެލީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ތިން ވަނަ ލަނޑު އާސެނަލް އިން ޖެހީ 67 ވަނަ މިނެޓުގައި ގްރެނިޓް ޝާކާއެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު، ލިވަޕޫލް އާއި ބްރައިޓަން ވަނީ 3-3 އިން އެއްވަރުވެފައެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބްރައިޓަންގެ ލެއަންޑްރޯ ޓްރޮސާޑް ވަނީ ދެ ގޯލް ޖަހައި ބްރައިޓަން އަށް ކުރި ހޯދައި ދީފައެވެ. އެކަމަކު، ފަހަތުން އަރައި ތިން ލަނޑު ޖަހައި ލިވަޕޫލުން ފަހުން ލީޑް ނެގިއެވެ. އެއީ ރޮބާޓޯ ފިރްމީނޯ ޖެހި ދެ ލަނޑާއި ބްރައިޓަންގެ އެޑަމް ވެބްސްޓާ ބައި ކޮޅަށް ޖެހި ގޯލުންނެވެ. ބްރައިޓަން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ހެޓްރިކް ފުރިހަމަ ކުރި ޓްރޮސާޑްގެ ގޯލުންނެވެ.

ޗެލްސީން މިރޭ ވަނީ ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-1 އިން ކުރި ހޯދައިފައެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޕެލެސްގެ އޮޑްސަން އެޑޮއާޑް ޖެހި ގޯލުންނެވެ. އެކަމަކު، ޕިއޭ އެމެރިކް އޮބާމަޔަން އާއި ކޮނާ ގެލަގާ ޖެހި ގޯލުން ޗެލްސީ ވަނީ މޮޅުވެފައެވެ. ގެލަގާއަކީ މިދިޔަ ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން ކްރިސްޓަލް ޕެލެސް އަށް ކުޅުނު ކުޅުންތެރިއެކެވެ.

ލީގުގައި ނިއުކާސަލް ޔުނައިޓެޑް އިން ވަނީ 4-1 އިން ފުލަމް ބަލިކޮށްފައެވެ. އެވަޓަން 2-1 އިން ސައުތެމްޓަންގެ މައްޗަށް ކުރި ހޯދި އިރު، ބޯންމައުތާއި ބްރެންޓްފޯޑް ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު ކުރެ އެއްވެސް ޓީމެއް ލަނޑެއް ނުޖެހިއެވެ.

ކިޔުންތެރިންގެ ހިޔާލު