އޮކްޓުބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޖޫނިއާ ޗެމްޕިއަންޝިޕުގެ ކޮންމެ އުމުރުފުރާއަކުން އެންމެ ރަނގަޅު ހަތަރު އެތުލީޓުން ހިމަނައިގެން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އަންނަ އަހަރަށް ގައުމީ ޖޫނިއާ ސާފިން ޓީމު އެކުލަވާލައި، އިއުލާން ކޮށްފިއެވެ.

އަންނަ އަހަރުގެ ޖޫނިއާ ގައުމީ ސާފިން ޓީމަށް ވަނީ ޖުމުލަ 12 އެތުލީޓުން ހޮވާފައެވެ.

މި އަހަރު މުޅިން އަލަށް ބޭއްވި ޖޫނިއާ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

އަންނަ އަހަރަށް ހޮވި ގައުމީ ޖޫނިއާ 14 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ޔަސީން އަހުމަދު ނާޝިދު ކަޔާން އަބްދުﷲ އަރީފް އަދި އަހުމަދު އާލް އާދިލް އެވެ.

އުމުރުން 12 އަހަރުގެ ޔޫސުފް ކަޔާން ވަނީ ޖޫނިއާ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިން އެއް ވަނަ ހޯދައި، 16 އަހަރުން ދަށުގެ ދެ ވަނަ ހޯދައިފަ އެވެ. ޖޫނިއާ 16 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ، ސައްޔިދު ސަލާހުއްދީން އާއި މުހައްމަދު އިނާން އާއި އަހުމަދު ޒަޔާނާއި އަހުމަދު ލުޒެއިން އެވެ.

ޒުވާން ޓީމުގެ 18 އަހަރުން ދަށުގެ އެތުލީޓުންނަކީ، ޝާނިފް ޝަފީގް، 16، އާއި މުހައްމަދު ޒަޔާން، 17، އަދި ހުސެއިން އައިހަމް، 16، ގެ އިތުރުން އިސްމާއިލް މަދުހު އަހުމަދު، 16، އެވެ.

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕް މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލް ހީޓުގައި ޔަސީން ވަނީ 1.30 ޕޮއިންޓްގެ ތަފާތަކުން ޔޫސުފް ކަޔާންގެ މައްޗަށް ކުރި ހޯދައި، އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޝާނިފް އަކީ މި އަހަރުގެ ދިވެހި ސާފް ލީގުގެ ދެ އިވެންޓެއްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައި، އެއް އިވެންޓުގެ އޯޕަން ކެޓެގަރީގެ ދެވަނަ ހޯދި އެތުލީޓެކެވެ. އަދި މި އަހަރުގެ ސީނިއާ ގައުމީ ރޭންކިންގެ 10 ވަނައިގައި މިވަގުތު އޮތީ ވެސް ޝާނިފް އެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތް، ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ޑިވިޝަނުގެ ނަތީޖާތަކަށް ބަލައި، އެމްއެސްއޭ އިން ވަނީ މި އަހަރަށް ފުރަތަމަ ފަހަރަށް ފަސް އެތުލީޓުންނާ އެކު ސާފިންގައި ގައުމީ ޖޫނިއާ ޓީމެއް އެކުލަވާލައިފަ އެވެ. އެ ޓީމުގައި ހިމެނެނީ އަހުމަދު އަމީރު، ކަޔާން އަބްދުﷲ އަރީފް، ޔޫސުފް ކަޔާން ހަމްދާން ޒަކީ، މުހައްމަދު ޒަޔާން އަދި ސައްޔިދު ސަލާހުއްދީނެވެ.