ފެެލެޓް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި، ރާއްޖޭގެ އަންހެން ޑަބަލްސް ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ ކުއާޓާ ފައިނަލުން ޖާގަ މިއަދު ހޯދައިފިއެވެ.

މި މުބާރާތަކީ ނޮވެމްބަރު އެކަކުން ފެށިގެން ހަޔަކާ ހަމައަށް ވިއެޓްނާމްގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ކުޅުންތެރިންގެ ތެރޭގައި ނަބާ އާއި ނަބީގެ އިތުރުން ޒަޔާން ޒަކީ ހިމެނެއެވެ.

މި މުބާރާތުގެ ނަބާ އާއި ނަބީގެ ޕެއާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު އަންހެން ޑަބަލްސްގެ ދެ ވަނަ ބުރުގެ މެޗުން ވިއެޓްނާމްގެ ތީ ހޯއާ އަންޑޯ އާއި ތީ ހުއޯންގް ފަންގެ ޕެއާ އަތުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު ކާމިޔާބު ކުރީ 21-12ގެ ނަތީޖާއިންނެވެ. މި މެޗުގެ ދެވަނަ ސެޓު ވާދަވެރިކޮށް ދިޔައިރު، 21-15 އިން މޮޅުވެގެން ނަބާ އާއި ނަބީގެ ޕެއާ މެޗު ކާމިޔާބުކުރިއެވެ.

ކުއާޓާ ފައިނަލުގައި މާދަމާ ނަބާ އާއި ނަބީގެ ޕެއާ ކުޅޭނީ ވިއެޓްނާމްގެ ޕެއާއެއް ކަމަށްވާ، ކަން ލިން ޑާއޯ އާއި ތީ ފުއަން މައިޑޯގެ ޕެއާއާ ދެކޮޅަށެވެ.

އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއްގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން ނަބާ އާއި ނަބީ ވަނީ މިިދިޔަ މަހު މާލޭގައި ބޭއްވި އިންޓަނޭޝަނަލް ޗެލެންޖްގައި ވެސް ބައިވެރިވެފައެވެ.

މި މުބާރާތުގެ ސިންގަލްސް އިވެންޓުގައި ނަބާ އާއި ނަބީ ބައިވެރިވި އިރު، ވިއެޓްނާމްގެ ތީ ތިރަންގް އަތުން 21-06، 21-07 ގެ ނަތީޖާއިން ނަބީ ވަނީ ބަލިވެފައެވެ. ނަބާ ބަލިވީ ވިއެޓްނާމްގެ ތީ އާން ތުރަން އަތުން 22-20، 21-14 އިންނެވެ.

ފިރިހެން ސިންގަލްސް ބައިން ރާއްޖޭގެ ޒަޔާން ބަލިވީ މެލޭޝިއާގެ ޝީއާ ޖެން ހޮން އަތުން 21-11، 21-07 އިންނެވެ. މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާގެ ޕެއާ ބަލިވީ ދެ ވަނަ ބުރުގައި މެލޭޝިއާގެ ޓޭން މިން ކަން އާއި ސިންގަޕޫރުގެ ސެރީނާގެ ޕެއާ އަތުންނެވެ.

ރާއްޖޭގެ ނަބީ އާއި ނަބީ ވަނީ ޖުލައި މަހު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި އޮގަސްޓް މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް ވެސް ބައިވެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައީދު

    ތަންކޮޅެއް ރަނގަޅަށް މަޢުލޫމާތު ސާފުކޮށްލެއްވުން ރަނގަޅު. ތިޔަ މުބާރާތުގައި އަޖުފާން އަދި ނިބާލްވެސް ވާދަކުރި ނޫންތޯ. ޢަދި އެދެކުދިން ޑަބަލްސްގައި މެލޭޝިޔާގެ ވަރުގަދަ ޕެއަރ އަކާކުޅެ ރަނގަޅު ނަތީޖާއެއްވެސް ހޯދިކަން ފާހަގަކޮށްލިނަމަ ތަންކޮޅެއް އިންސާފުވެރިވީސް ނޫންތޯ.

    4
    2