ޔޫއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ވާދަ ކުރަން ޖެހިއްޖެއެވެ.

މިއީ މި ދެ ޓީމުން ވެސް ޖެހިޖެހިގެން ދެ އަހަރު މަތިން މުބާރާތް ކުޅޭ ދެވަނަ ފަހަރެވެ.

ޔޫރޮޕިއަން މުބާރާތްތަކުގެ ދެވަނަ ބުރުގެ ގުރުއަތުލުން މިއަދު ނެގި އިރު، ޔޫރޮޕާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ގުރޫޕް ތާވަލުން ދެވަނަ ލިބުނު ޓީމުތަކާއި، ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ތިންވަނައަށް ދިޔަ ޓީމުތަކާ ދެމެދުގައި ގުރު ނެގި އިރު، އެންމެ ފާހަގަކޮށްލެވޭ މެޗަކީ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލު ކުރާ މެޗެވެ.

ބާސެލޯނާއިން ޗެމްޕިއަންސް ލީގުގައި ވާދަކުރި ގުރޫޕުން ތިންވަނައަށް ދިޔައިރު، ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި ދެވަނައަށް ދާން ޖެހުނީ ގޯލުގެ ތަފާތުން ރެއާލް ސޮސިއެޑޭޑް އެއްވަނަ ހޯދުމުންނެވެ.

މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން އެއްވަނައަށް ދާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރުން ސީދާ ޖާގައެއް ޔަގީންވާ އިރު، ދެވަނައަށްދާ ޓީމު ޖެހޭނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ތިންވަނައަށްދާ ޓީމަކާ ދެކޮޅަށް ޕްލޭ އޮފް ކުޅޭށެވެ.

ބާސެލޯނާއާއި ޔުނައިޓެޑް ބައްދަލު ކުރަން ޖެހުނު އިރު، މިއީ ޔޫރޮޕާ ލީގުގައި އެންމެ ފޯރިގަދަވާނެ މެޗެވެ. ޔުނައިޓެޑުން އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ފަހަރު ބާސެލޯނާ ވަނީ 0-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެފައެވެ.

އެހެން ނަމަވެސް އޭގެ ފަހުން ދެ ޓީމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ބާސެލޯނާގެ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިވަގުތު ޔުނައިޓެޑުގައި ހުރިކަމެވެ.

ބާސެލޯނާއާ ދެކޮޅަށް ރަނގަޅު ގޯލް ރެކޯޑެއް އޮތް ރޮނާލްޑޯއަށް މިއީ އަނެއްކާވެސް އެކުލަބާ ދެކޮޅަށް ގޯލު ލިސްޓަށް އިތުރު ކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

ޕްލޭ އޮފުގެ އެހެން މެޗުތަކަށްބަލާއިރު، އިޓަލީގެ ޔުވެންޓަސްއިން ވާދަ ކުރާނީ ފްރާންސް ނަންޓެސްއާ ދެކޮޅަށެވެ. އަދި އެފްސީ ސަލްޒްބާގާއި، ރޯމާ ބައްދަލު ކުރާ މެޗުގެ އިތުރުން ސެވިއްޔާއާއި ޕީއެސްވީ ބައްދަލު ކުރާ މެޗުތަކަކީ ވެސް ފޯރިގަދަ މެޗުތަކަށްވާނެ އެވެ.

ޕްލޭ އޮފުމް މޮޅުވާ ޓީމުތައް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގުރޫޕް ސްޓޭޖުން އެއްވަނަ ހޯދި ޓީމުތަކާއެވެ. ޕްލޭ އޮފުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 16 އަދި 23 ގައެވެ.