އަނިޔާ އިން ރަނގަޅުވެ، މިމަހު 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގައި ޓޮޓެންހަމްގެ ސައުތު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން ކުޅޭނެ ކަމަށް ބުނެފިއެވެ.

މާސޭ އަތުން 1-2 އިން މޮޅުވި މެޗަށްފަހު ޓޮޓެންހަމުން ބުނީ ސޮންއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށެވެ. ސޮންގެ މޫނުމަތިން ވާތް ފަރާތު ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި، އެކަމުން ރަނގަޅު ވުމަށް ސާޖަރީއެއް ކުރަން ޖެހޭ ކަމަށް ކުލަބުން ވަނީ ބުނެފައެވެ.

އަނިޔާ އިން ރަނގަޅުވުމަށް އޭނާ ވަނީ ހުކުރު ދުވަހު އޮޕަރޭޝަނެއް ކޮށްފައެވެ. ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ސޮން އަށް ނުކުޅެވެއެވެ. އެކަމަކު ކޯޗު ކޮންޓޭ ބުނީ ރަނގަޅަށް ރިކަވަރީގެ ކަންކަން ގޮސް ވޯލްޑްކަޕަށް ސޮން އެނބުރި އަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލިދާނެތީ ސޮން ހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައި ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖެއްގައި ސޮން ބުނެފައިވަނީ މިއީ އޭނާ މުޅި ދުނިޔެ އަށް ދޭން ބޭނުންވާ އުފާވެރި ހަބަރެއް ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި އަމިއްލަ ގައުމު ތަމްސީލްކުރުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެއް ކަމަށާއި އޭނާ އަށް ވެސް އޮތީ އެ ގޮތަށް ކަމަށެވެ.

ސޮން ވަނީ މިދިޔަ ހަފްތާއެއްހާ ދުވަހު އޭނާ އަށް ސަޕޯޓަރުންގެ ފަރާތުން ލިބުނު މެސެޖްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ސައުތު ކޮރެއާގެ ފުރަތަމަ މެޗުގައި މިމަހު 24 ވަނަ ދުވަހު ވާދަކުރަން ޖެހޭނީ އުރުގުއޭއާއެވެ. ދެކުނު ކޮރެއާ ގައުމީ ޓީމަށް 2010 ވަނަަ އަހަރު ކުޅެން ފެށި ސޮން ވަނީ އެ ޓީމަށް ކުޅެދިން 105 މެޗުން 35 ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ސޮން ވަނީ ކުޅެފަ އެވެ.