ޔޫރަޕްގެ ވަރުގަދަ ބާރެއްގެ ގޮތުގައި އިންގްލެންޑް އޮތް ނަމަވެސް މިހާތަނަށް އެ ޓީމަށް ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރެވިފައި ވަނީ މީގެ 56 އަހަރު ކުރިންނެވެ. އެއީ 1966 ވަނަ އަހަރުގައެވެ. އޭގެ ފަހުން އިންގްލެންޑަށް ވޯލްޑް ކަޕުގެ ފައިނަލާ ހަމައަށް އައިސްފައި ނުވި ނަމަވެސް ވޯލްޑް ކަޕުގައި ހަތް ފަހަރަށް ކުއާޓާ ފައިނަލުގައި އިންގްލެންޑް ވާދަކޮށްފައިވެއެވެ. އެންމެ ފަހުން ބޭއްވި ވޯލްްޑް ކަޕްގެ ހަތަރު ވަނަ އަށް ދިޔަ އިންގްލެންޑަށް މި ފަހަރު އެއް ހަރުފަތް މައްޗަށް ޖައްސާލެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 5

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 15
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1950
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން 1960 ، ކުއާޓާ ފައިނަލް 1954، 1958، 1962، 1970، 1986، 2002، 2006، ސެމީ ފައިނަލް 2018،

ކޯޗު: ގެރެތް ސައުތްގޭޓް

ބޮޑު ހަަތަރު މުބާރާތުގައި އިންގްލެންޑަށް ކުޅުނު ސައުތުގޭޓަށް އިންގްލެންޑްގައި ކޯޗެއްގެ ގޮތުގައި ކާމިޔާބެއް ހޯދިފައިނުވި ނަމަވެސް އެ ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް އަންނަނީ ނެރެމުންނެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކުރި މަސައްކަތް އިނގިރޭސި ގިނަ ބަޔަކު ވަނީ ބަލައިގަނެފަ އެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި ބައިނަލްއަގްވާމީ މުބާރާތަކުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

މުހިންމު ކުޅުންތެރިން:

ޖޫޑް ބެލިންހަމް

2020 ވަނަ އަހަރު އިންގްލެންޑުގެ ގައުމީޓީމަށް ކުޅެން ފެށި ބެލިންހަމް އަންނަނީ ކުލަބު ލެވެލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 148 މެޗުގައި 19 ގޯލު ޖަހާފައިވެއެވެ. ރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމް އަކީ ގޯލާ ރައްޓެހި ފޯވާޑެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލްކުރެއެވެ. ޓްމަންޑަށް ކުޅެމުން ބެލިންހަމް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ކަޕްގެ ތާރީހުގައި އެ މުބާރާތުގައި ލަނޑު ޖެހި އުމުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޑޯޓްމަންޑަށް ވާދަވެރި މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހިމެނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އިންގްލެންޑަށް ނިސްބަތްވާ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ބެލިންހަމް ހޯދި އެވެ.

ހެރީ ކޭން

އުމުރުން 29 އަހަރުގެ ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައިފަ އެވެ. ކޭން ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. އެންެމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދީ ކޭން އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް އިން ކާމިޔާބު ހާސިލްކުރާނަމަ ކޭން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ގަބޫލުކުރެ އެވެ. އުމުރުފުރާ ގައުމީ ޓީމުތަކުން ފެނުނު ކޭން ސީނިއާ ގައުމީ ޓީމަށް 2015 ވަނަ އަހަރު ކުޅެން ފެށި ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 51 ގޯލު ޖަހައިދީފައެވެ.

އިންގްލެންޑް ޓީމުގެ ފައިން 26 ކުޅުންތެރިންގެ ސްކޮޑު

ގޯލްކީޕަރުން: ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ނިއުކާސަލް ޔުނައިޓެޑް)، އާރޮން ރަމްސްޑޭލް (އާސެނަލް)

ޑިފެންޑަރުން: ހެރީ މެގުއާ (މެންޗެސްޓަރ ޔުނައިޓެޑް)، ލޫކް ޝޯ (މެންޗެސްޓަރ ޔުނައިޓެޑް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖޯން ސްޓޯންސް (މެންޗެސްޓަރ ސިޓީ)، ކައިލް ވޯކާ (މެންޗެސްޓަރ ސިޓީ)، ކިއެރަން ޓްރިޕިއާ (ނިއުކާސަލް ޔުނައިޓެޑް)، ކޯނާ ކޯޑީ (އެވަޓަން)، ބެން ވައިޓް (އާސެނަލް)، ޓްރެން އެލެގްޒެންޑާ އާނޯލްޑް (ލިވަޕޫލް).

މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން (ލިވަޕޫލް). ޖޫޑް ބެލިންގްހަމް (ޑޯޓްމުންޑް)، ޑެކްލަން ރައިސް (ވެސްޓް ހަމް)، ކެލްވިން ޕިލިޕްސް (މެންޗެސްޓަރ ސިޓީ)، ކޯނާ ގަލެގާ (ޗެލްސީ)، މޭސަން މައުންޓް (ޗެލްސީ).

ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް)، ފިލް ފޮޑެން (މެންޗެސްޓަރ ސިޓީ)، ޖޭމްސް މެޑިސަން (ލެސްޓަރ ސިޓީ)، ޖެކް ގްރީލިޝް (މެންޗެސްޓަރ ސިޓީ)، ބުކާޔޯ ސަކާ (އާސެނަލް)، ރަހީމް ސްޓާލިން (ޗެލްސީ)، މާކަސް ރަޝްފޯޑް (މެންޗެސްޓަރ ޔުނައިޓެޑް).