ލ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު ވޮލީ މުބާރާތް ކަމަށްވާ ރޫހު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅެން ހަމަޖެހިއްޖެއެވެ.

ލާމު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަކީ 1992 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހިސާބަށް މީގެ ކުރިން ބާއްވާފައިވާ މުބާރާތެކެވެ.

ފައިނަލް މެޗުގައި ބައްދަލު ކުރާނީ ލެކްރޯސް ސްޕޯޓްސް ކުލަބާއި އަފޭން އެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ 21:00 ގައި ލ. ފޮނަދޫ ވޮލީ ކޯޓުގައެވެ.

ލީގު އުސޫލުން ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ލެކްރޯސް ސްޕޯޓްސް ކުލަބުންނެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ލެކްރޯސް އިން އަފޭން ބަލިކުރީ 18-25، 20-25، 29-27 އަދި 15-25 އިންނެވެ. ފުރަތަމަ ދެ ސެޓު ލެކްރޯސް އިން ފަސޭހަކަމާއެކު މޮޅުވިއިރު، ތިން ވަނަ ސެޓު ކާމިޔާބު ކުރީ އަފޭން އިންނެވެ.

ލީގު ތާވަލުގެ ތިން ވަނަ އަދި ހަތަރު ވަނަ ބައްދަލު ކުރި މެޗުން މޮޅުވީ ކުޅުނު ތިން ސެޓު ހޯދައިގެން އެފްއެމްސީ ސްޕޯޓްސް ކުލަބުންނެވެ. ދެ ވަނަ ސެމީ ފައިނަލުން އައިލެންޑާސް މައްޗަށް އެފްއެމްސީ އިން ކުރި ހޯދީ 20-25، 16-25 އަދި 22-25 އިންނެވެ. މި މުބާރާތުގެ މިހާތަނަށް އެންމެ ފޯރިގަދަ މެޗެއް ކުޅުނީ ތިން ވަނަ ސެމީ ފައިނަލުގައެވެ. ފުރަތަމަ ސެމީ އިން ބަލިވި ޓީމު ކަމަށްވާ އަފޭން އާއި އެފްއެމްސީ ބައްދަލުކުރި މެޗު ކާމިޔާބު ކުރީ އަފޭން އިންނެވެ. ކުޅުނު ހަތަރު ސެޓުން ދެ ޓީމު އެއްވަރުވެ ފަސް ވަނަ ސެޓުން އަފޭން ކާމިޔާބު ކުރީ 11-15 އިންނެވެ.

މި މުބާރާތުގެ މި އަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.