ސެނެގާލްގެ އެންމެ މަޝްހޫރު އަދި މުހިއްމު ކުޅުންތެރިޔާ ސަޑިއޯ މާނޭއަށް ލިބިފައިވާ އަނިޔާ އާއި ގުޅިގެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ ކަން ޔަގީންވެއްޖެއެވެ.

ޖަރުމަނުގެ ބުންޑެސްލީގާގައި ބަޔާން މިއުނިކުން ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި މާނޭގެ ފަޔަށް ވަނީ އަނިޔާވެފައެވެ. ސެނަގާލްއިން ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މިވަގުތު ޔޫރަޕުގެ އެންމެ ފޯމުގައި އޮތް އެއް ޓީމު ކަމަށްވާ ނެދަލޭންޑްސްއާއެވެ.

ސެނެގާލްގެ ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ބުނެފައިވަނީ މާނޭ އަނިޔާ އިން ރަނގަޅު ނުވާތީ ސެނެގާލް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޭނާއަށް ނުކުޅެވޭނެ ކަމަށެވެ. މިއީ އެކަކުވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށްވީ ނަމަވެސް، ފުރަތަމަ މެޗުގައި މާނޭ ފެނިގެން ނުދިޔަނަމަވެސް ވޯލްޑް ކަޕްގައި މާނޭއަށް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޮފިޝަލް ބުންޏެވެ،

"އަހަރެމެން ފުރަތަމަ މެޗަށް ނިކުންނަށް މިޖެހުނީ މާނޭއާ ނުލައި. އަދި މޮޅު ވާން މި ޖެހުނީވެސް މާނޭއާ ނުލައި. އަހަންނަށް އިނގޭ މިއީ އެކަކުވެސް ބޭނުންވާނެ ގޮތެއް ނޫންކަން. އެކަމަކު މިފަހަރު މި ނޫން ގޮތެއް ނެތް،" ސެނެގާލް ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލް އަބްޑޯލަޔޭ ސޯ ބުންޏެވެ.

ސެނެގާލް ޓީމު ޤަތަރަށް ގޮސްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް އެ ޤައުމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ ޓީމާއެކު ދަތުރުކޮށްފައެއް ނުވެއެވެ. މާނޭ މި ވަގުތު ހުރީ އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން އިތުރު ޓެސްޓުތައް ހެދުމަށް ބަޔާންގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެނެގާލްގެ ދެ ވަނަ މެޗުގައި 25 ވަނަ ދުވަހު ޤަތަރާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕް ސްޓޭޖު ފަހު މެޗުގައި އިކުއެޑޯއާ ދެކޮޅަށް ނިކުންނާނީ 29 ވަނަ ދުވަހުއެވެ.

މާނޭ އަކީ މިއަހަރުގެ ބެލަންޑިއޯ އެވޯޑް ހާސިލް ކުރި ރެއާލުގެ ކަރީމް ބެންޒެމާއާ އާއި އެއް ހަމައެއްގައި ވާދަކުރި ކުޅުންތެރިޔާއެވެ. އޭނާ އޮތީ ބެލަންޑިއޯ ލިސްޓުގެ ދެވަނައިގައި ކުޑަ ފަރަގަކާއެކުއެވެ. މާނޭ ވަނީ ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ސޮކްރެޓެސް އެވޯޑް ވެސް ކާމިޔާބު ކޮށްފައެވެ. އަދި އޭނާއަކީ ސެނަގާލް އަށް އެފްރިކަން ކަޕް އޮފް ނޭޝަން ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި ކުޅުންތެރިޔާ ވެސް މެއެވެ.