ވޯލްޑް ކަޕަށް ފަހު ބަރުދަން އިތުރުވެފައިވާތީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް ފިޓް ނުވަނީސް އޭނާ އަށް ކުޅުމުގެ ފުރުސަތު ނުދޭން ކޯޗު ޕެޕް ގާޑިއޯލާ ނިންމައިފިއެވެ.

ގަތަރުގައި ނިމިގެން ދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފިލިޕްސް އިންގްލެންޑް ޓީމަށް ކުޅެ ދިނީ އެންމެ 40 މިނެޓެވެ. އޭނާ އަށް އިންގްލެންޑްގެ ފުރަތަމަ 11 އިން ޖާގަ ނުލިބުނީ އަނިޔާގެ ސަބަބުންނާއި މެޗު ފިޓްނަސް ދަށްވެގެންނެވެ.

ނަމަވެސް ގަތަރުން އެނބުރި އައުމަށްފަހު އޭނާއަށް ސިޓީގެ ޓީމުގައި ހިމެނުމާއި ތަމްރީންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކުޑަވީ އަނިޔާގެ ސަބަބުން ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން މިހާރު އޭނާއަށް ބުދަ ދުވަހު ޕްރިމިއާ ލީގުގައި އޭނާގެ ކުރީގެ ކްލަބް ލީޑްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވެއެވެ.

"އޭނާގެ ބަރުދަން ލުއިވެފައި ފިޓް ވުމުން ކުޅެން ތައްޔާރުވާނެ، އަހަރެމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް އެއީ" ގާޑިއޯލާ ބުނެފައިވެއެވެ.

ފިލިޕްސްގެ ބަރުދަން އިތުރުވުމަކީ އިންގްލޭންޑްގެ ގައުމީ ޓީމާ ގުޅުންހުރި ކަމެއް ނޫންކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މެންޗެސްޓާ ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ އެ ޓީމާ ހަވާލުވީއްސުރެ ކުޅުންތެރިންގެ ފިޓްނެސްއަށާއި ބަރުދަނަށް ވަކިން ހާއްސަ ސަމާލުކަމެއް ބެހެއްޓިއެވެ.

އަދި އެއީ އޭނާ ވަރަށް ހަރުކަށިކޮށް ދަމަހައްޓަމުންގެންދާ އުސޫލެެކެވެ.

އެގޮތުން ގާޑިއޯލާ ޓީމާ ހަވާލުވި އެންމެ ފުރަތަމަ ދުވަސްކޮޅުގައި، ބަރުދަން އިތުރުވެފައިވާ ކަމަށް ރިޕޯޓް ކުރުމުން އެހެން ކުޅުންތެރިންނާއެކު ތަމްރީންވުމުގެ ހުއްދަ ސިޓީގެ ކުރީގެ މިޑްފީލްޑަރު ސަމީރު ނަސްރީއަށްވެސް ދީފައިނުވެއެވެ.