ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް އަނިޔާވެ، މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ކޮޕަ ޑެލް ރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އަލްމޭރިއާ އަތުން ބާސާ ބަލިވި މެޗަށް ފަހު ބާސެލޯނާއިން ވަނީ ލެވަންޑޯސްކީގެ ފަލަމަގަނޑަށް އަނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ ކުލަބުން އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އޭނާ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ނަގާނެ މުއްދަތެއް ހާމަކޮށްފައި ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގެ ޕްލޭއޮފް ބުރުގައި މެންޗެސްޓާ އަތުން ބަލިވެ އެ މުބާރާތުން ބާސާ ކެޓުމާއި ލީގުގައި އާދީއްތަ ދުވަހުގެ ރޭ އަލްމޭރިއާ އަތުން ވެސް ބަލިވުމާއެކު އެ ޓީމްގެ މިވަގުތުގެ ފޯމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕެޑްރީ ވެސް މިވަގުތު އަނިޔާގައެވެ. އަދި ޑެމްބެލޭއަށް ވެސް ހުރީ އަނިޔާގައެވެ. ލެވަންޑޯސްކީއަށް އަނިޔާވުމަކީ ކޯޗް ޒަވީއަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ.

ބަޔާން މިއުނިކް ދޫކޮށް ބާސާއަށް ބަދަލުވެ ލެވަންޑޯސްކީ އަންނަނީ ބާސާގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު ލަލީގާގެ ޓޮޕްސްކޯރާގެ މަގާމުގައި ވެސް އޮތީ އޭނާއެވެ. އޭނާ ވަނީ ލީގުގައި މި ސީޒަންގައި މިހާތަނަށް 15 ލަނޑު ޖަހާފައެވެ.

ޔޫރޮޕާ ލީގުން ކެޓި ނަމަވެސް މިވަގުތު ލަލީގާގެ އެއްވަނާގައި އޮތީ ބާސާއެވެ. އެ ޓީމަށް މިވަގުތު 23 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލާއި ބާސާއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް މިހާރު އެބައޮތެވެ.