ޅ. ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި އޮޅުވެލިފުށި ރޭމަންސް އަތުން އިއްޔެ ބަލިވެއްޖެއެވެ.

ހިންނަވަރު ދަނޑުގައި ކުޅުނު މި މެޗު އޮޅުވެލިފުށިން ކާމިޔާބު ކުރީ 2-3ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއެކު އޮޅުވެލިފުށި ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ. އިއްޔެ މެޗު އެއްވަރުކޮށްލައިގެންވެސް ސެމީ ފައިނަލުން ޖާގަ ހޯދެން އޮތްއިރު، މާފަރު ޓީމު އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.

މެޗުގައި އޮޅުވެލިފުށި ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. ދެވަނަ ހާފު ފަށައިގެން މާފަރު ޓީމުން ކުޅުން ރަނގަޅުކޮށް ގިނަ ޕާސްތަކެއް ޖަހާ އެޓޭކް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ގޯލެއް ޖަހައި މާފަރު ޓީމަށް އުންމީދެއް ހޯދައިދިނީ ޖުމާން އީސާއެވެ. އޭގެ ފަހުން މެޗުގެ 89 ވަނަ މިނެޓުގައި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިރުޝާދު އަދުނާން މާފަރު ޓީމަށް އެއްވަރުކޮށްދިނެވެ.

ދެވަނަ ހާފުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި އޮޅުވެލި ފުށި ޓީމުން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މިއީ އޮޅުވެލިފުށި ޓީމުން ހެދި ކައުންޓާ އެޓޭކެއްގައި އޭރިއާ ތެރޭގައި ހުރި އޮޅުވެލިފުށީގެ ފޯވާޑް ކާމިޔާބުކޮށްދިން ގޯލެކެވެ.

ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ނައިފަރު ޗެލްސީ އިން ވަނީ 1-8 ގެ ނަތީޖާ އިން ސޮކާ ސްޓާސް ބަލިކޮށްފައެވެ. މިނަތީޖާއާއެކު ސޮކާ ސްޓާސް ވަނީ މުބާރާތުން ކަޓާފައެވެ.

މި މުބާރާތަކީ ހިންނަވަރުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 60،000ރ. ވަނީ ހަމަޖައްސައިފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް 20،000ރ. ދިނުމަށް ވަނީ ނިންމައިފައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ނައިފަރު ޗެލްސީއާއި، ހިންނަވަރު ސްޕޯޓްސް ކުލަބާއި، އެފްސީ މާފަރު، ނައިފަރު ސޮކާ ސްޓާ، އޮޅުވެލިފުށި އެފްސީއެވެ.