ރޭ އިނގިރޭސި ޕްރިމިޔަރ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ 1-4ގެ ނަތީޖާއަކުންނެވެ.

ލީގު ހޯދުމަށް އެންމެ ގަދައަށް ހަނގުރާމަ ކުރާ ދެޓީމުގެ މެދުގައި ކުޅުނު މި ފޯރިގަދަ މެޗުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. މި ލަނޑު މެޗުގެ 7ވަނަ މިނެޓުގައި ހާލަންޑްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޫންއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފުގައި އާސެނަލުން ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު ސިޓީން ވަނީ ހަ ހަމަލާ ފޮނުވާލާފައެވެ. ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 45މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގައެވެ. ކެވިން ޑިބްރޫންގެ އެހީތެރިކަމާއެކު މިލަނޑު ކާމިޔާބުކޮށްދިނީ ޖޯން ސްޓޯންސްއެވެ.

ދެވަނަ ހާފުގައިވެސް އާސެނަލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާއެވެ. އެހެން ނަމަވެސް ސިޓީން ވަނީ ހަތަރު ހަމަލާ ފޮނުވާލާފައެވެ. ދެވަނަ ހާފުގައިވެސް ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު އާސެނަލްގެ ހަމައެކަނި ގޯލު މެޗުގެ 86ވަނަ މިނެޓުގައި ވަނީ ކާމިޔާބުކޮށްފައެވެ.

ލިއަންޑްރޯ ޓްރޮސާޑްގެ އެހީތެރިކަމާއެކު މިރޭ މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރޮބް ހޯލްޑިންގްސްއެވެ. މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް ސިޓީގެ ލީޑު ފުޅާކޮށްދިނީ ހާލަންޑުއެވެ. މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ހާލަންޑު މިލަނޑު ކާމިޔާބު ކުރީ ފިލް ފޯޑެންގެ އެހީތެރިކަމާއެކުއެވެ.

މިރޭގެ މެޗުން ސިޓީ މޮޅުވި ނަމަވެސް ތާވަލު އެތުރިފައިވާ ގޮތަށް ބަދަލެއް އައިސްފައި ނުވާއިރު، ސިޓީ ވަނީ އާސެނަލްއާއި ދެ ޕޮއިންޓަށް ކައިރި ކޮށްފައެވެ.