ފޯބްސް މެގަޒިންއިން ޢާންމުކުރަމުންދާ ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިޔާގެ މަޤާމް ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓްބޯޅަ ކްލަބަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

2017 ވަނަ އަހަރަށްފަހު ރޮނާލްޑޯގެ ނަން ވަނީ ފޯބްސްގެ މި ލިސްޓުގެ ކުރީ ކޮޅުން އުނިވެފައެވެ. އެހެން ނަމަވެސް، އަލް ނަސްރުއާއި ގުޅުނު ފަހުން ރޮނާލްޑޯ ވަނީ މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ.

މިިދިޔަ އަހަރުގައި ރޮނާޅްޑޯ ވަނީ 109 މިލިއަން ޕައުންޑްގެ އާމްދަނީއެއް ހޯދައިފައެވެ. ރޮނާލްޑޯގެ އިތުރުން މި ލިސްޓުގައި ހިމެނޭ އެހެން ހުރިހާ ކުޅުންތެރިންގެ އާމްދަނީގެ ތެރޭގައި ކުޅުމުން ބޭރުން ހޯދާފައިވާ އާމްދަނީވެސް ހިމަނާފައިވެއެވެ. މިސާލަކަށް އެ ކުޅުންތެރިން ކުޅެފައިވާ އިޝްތިހާރުތަކާއި ކުރަމުންދާ ވިޔަފާރިން ލިބޭ އާމްދަނީ ހިމެނޭ ކަމަށްވެސް ފޯބްސްއިން ބުނެފައިވެއެވެ.

ނިމިދިޔަ އަހަރުގައި 104 މިލިއަން ޕައުންޑްގެ އާމްދަނީއަކާއިއެކު ލިސްޓުން ދެ ވަނަ ހޯދާފައިވަނީ އާޖެންޓީނާ ޤައުމީ ފުޓްބޯޅަ ޓީމް ކެޕްޓަން ލިޔޮނަލް މެސީއެވެ. ހަމައެއާއިއެކު، 96 މިލިއަން ޕައުންޑާއިއެކު ލިސްޓުގެ 3 ވަނައިން ޖާގަ ހޯދާފައިވަނީ ފްރާންސް ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ.

އެމްބާޕޭއަކީ މި ލިސްޓުގެ ގަދަ 10ގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 30 އަހަރުން ދަށުގެ އެންމެ ހަގު ހަމައެކަނި ކުޅުންތެރިޔާއެވެ.

ނިމިދިޔަ އަހަރުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދިޔަ ކްރިސްޓިއާނޯ މި އަހަރުގެ ކުރީކޮޅުގައި އަލް ނަސްރަށް ބަދަލުވުމަށްފަހު އޭނާގެ މުސާރަ ވަނީ ދެ ގުނައަށް ބޮޑުވެފައެވެ. އަލް ނަސްރުއާއި އެކީ ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 175 މިލިއަން ޕައުންޑް ލިބެމުންދާނެއެވެ. ރޮނާލްޑޯއަށް އަލް ނަސްރުއާއި ހަމައަށް ދެވުނީ ޓީވީ ޕްރެޒެންޓަރަކަށް ދިން އިންޓަވިއުއަކަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ނުރުހުންވުމާއި ކުރިމަތިލުމަށްފަހުގައެވެ. އެއަށްފަހު، ޔޫރަޕްގެ އެންމެ އުހުގައި ހިމެނޭ ކްލަބްތަކުން ރޮނާލްޑޯ ހޯދަން ފަސްޖެހުނު ކަމަށް ބޭރުގެ ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވެއެވެ.