އެލް ސަލްވަޑޯ ގައި މިއަދު ފެށި އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ މި އަހަރުގެ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖެއިން ތިން ރާޅާއެޅުންތެރިން ބައިވެރިވެއްޖެއެވެ.

63 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ބައިވެރި ވަނީ އަހުމަދު އަގީލް (އަމްމަޑޭ) އާއި، އިސްމާއިލް ރަޝީދު (ސްމައިލީ)ގެ އިތުރުން ހޫދު އަހުމަދު (ހޫބްޒް) އެވެ.

ވޯލްޑް ސާފިން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ރާއްޖޭގެ ރާޅާއެޅުންތެރިއަކަށް އެންމެ ފުރަތަމަ އޮތީ، މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރާ ހީޓެވެ. ފުރަތަމަ ބުރުގެ 11 ވަނަ ހީޓުގައި އަންމަޑޭ ވާދަކުރާނީ މެކްސިކޯގެ ސަބެސްޓިއަން ހެނާންޑޭޒް އާއި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަދި އިންޑިއާގެ ސަންޖޭ ސެލްވަމާނީ (ސިވަރާޖު ބާބޫ) އާއެވެ. ކެސްޕާ ހަމިންގާ އަކީ ނެދަލެންޑްސްގެ ގައުމީ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ރާޅާއެޅުންތެރިއެކެވެ.

އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ހޫދު އަހުމަދު (ހޫބްޒް)، 39 ވަނަ ހީޓުގައި ނުކުންނާނީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑްސްގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީ އާ ދެކޮޅަށެވެ. ޖޮނަތަން ކޯޒޯ އަކީ 2017 ވަނަ އަހަރުގެ އައިއެސްއޭ ވޯލްޑް ޗެމްޕިއަނެވެ. އަދި އަޖީޝާ އަލީ، އިންޑިއާގެ ގައުމީ ޗެމްޕިއަންކަން ތިން ފަހަރު ވަނީ ހޯދާފައެވެ.

ވޯލްޑް ސާފިން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

އިސްމާއިލް ރަޝީދު (ސްމައިލީ) 43 ވަނަ ހީޓުގައި ގައި ވާދަކުރާނީ، މެކްސިކޯގެ އެލަން ކްލީލެންޑް އާއި ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް އާއި އިންޑިއާގެ ރަމޭޝް ބުދިހާލް އާ ދެކޮޅަށެވެ. ސްމައިލީ އާއި ވާދަކުރާ ރަމޭޝް ބުދިހާލް ވަނީ އިންޑިއާގެ ގައުމީ ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފައެވެ.

ދެކުނު އެފްރިކާގެ ކްލައިޑް މާޓިންގެ އިރުޝާދުގެ ދަށުން މި އަހަރުގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށް ނިކުތް ގައުމީ ސާފިން ޓީމު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ފެށި ގައުމީ ސާފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް މިދިޔަ މަހު މުލީގައި ބާއްވާފައިވާ އިރު، މިމުބާރާތް ކާމިޔާބުކޮށްފައި ވަނީ އަހުމަދު އާގިލް (އަމްމަޑޭ)އެވެ. މިއީ އަމްމަޑޭ މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރުއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ވޯލްޑް ސާފިން ގޭމްސްގައި ވެސް ދިވެހި ޓީމު ވާދަކުރި އެވެ. އަންމަޑޭ އާއި ސްމައިލީ ވަނީ އެ މުބާރާތުގައި ވެސް ވާދަ ކޮށްފަ އެވެ. އެ މުބާރާތުގައި ދެން ވާދަކުރި ރާއްޖޭގެ ރާޅާއެޅުންތެރިއަކީ ހުސެއިން އަރީފް (އިބޫ) އެވެ. މިއަހަރުގެ އައިއެސްއޭ ވޯލްޑް ސާފިން ގޭމްސް ކުރިއަށް ދާނީ ޖޫން 7 ގެ ނިޔަލަށެވެ.