ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޔޫރީ ޓިއެލަމަންސް ހޯދުމުގެ ރޭހަށް އެސްޓަން ވިލާ ވަދެއްޖެއެވެ.

ޓިއެލަމަންސް 26، ލެސްޓާ ސިޓީ ދޫކޮށްލަން ނިންމި ކަން މިދިޔަ ހަފްތާގައި ވަނީ އިއުލާންކޮށްފައެވެ. އޭނާ ލެސްޓާ ސިޓީއާ އެކު ހެދި އެއްބަސްވުން މި ހޫނު މޫސުމުގައި ވަނީ ހަމަވެފައެވެ. ލެސްޓާ ސިޓީ ދޫކޮށްލަން ޓިއެލަމަންސް ނިންމާފައި ވަނީ އެ ޓީމު ޕްރިމިއާ ލީގުން ރެލިގޭޓްވެފައި ވަނިކޮށެވެ.

ޓިއެލަމަންސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި އާސެނަލް އާއި ލިވަޕޫލް ހިމެނެއެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވެފައި ވަނީ ނިމިދިޔަ ޕްރިމިއާ ލީގުގެ ހަތް ވަނައިގައި ނިންމާލި އެސްޓަން ވިލާއެވެ. އެކަމަކު، ޓިއެލަމަންސް މިކަމުގައި ވީހާވެސް އަވަހަށް ގޮތެއް ނިންމަން އެސްޓަން ވިލާގެ ކޯޗު އުނައި އެމްރީ ބޭނުންވެއެވެ. ޓިއެލަމަންސްއަކީ އުނައި އެމްރީ ވަރަށް ބޮޑަށް ޝައުގުވެރިވާ ކުޅުންތެރިއެކެވެ.

ޓިއެލަމަންސް ލެސްޓާ ސިޓީ އަށް ބަދަލުވެފައި ވަނީ 2019 ވަނަ އަހަރުއެވެ.

ލެސްޓާ އާ އެކީގައި ހޭދަ ކުރި ހަތަރު އަހަރާއި ބައިގެ ތެރޭގައި ޓިއެލަމަންސް ވަނީ ލެސްޓާ އަށް އެފްއޭ ކަޕް ހޯދައި ދިނުމުގައި އެހީތެރިވެފައެވެ. އަދި ކޮމިއުނިޓީ ޝީލްޑް މެޗުގައި ޗެލްސީ އަތުން މޮޅުވި ލަނޑު ވެސް ކާމިޔާބުކޮށްދީފައި ވަނީ ޓީއެލަމަންސްއެވެ.

ޓިއެލަމަންސް، ލެސްޓާ ސިޓީއާ އެކު ހެދި އެއްބަސްވުން އާ ނުކުރާތީ އޭނާ ވާނީ ފްރީ އެޖެންޓަކަށެވެ. އެހެންވެ، ޓިއެލަމަންސް ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.