އޭޝިއާ ކްރިކެޓް ކަޕް އަންނަ އޮގަސްޓު މަހު ބާއްވަން ނިންމައިފިއެވެ.

މިއީ އޭޝިއާގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތަށްވާ އިރު، ހައިބްރިޑް މޮޑެލްއެއްގައި ބާއްވާ މި މުބާރާތުގައި ޕާކިސްތާނުގައި ހަތަރު މެޗު ކުޅޭއިރު ބާކީ ނުވަ މެޗު ކުޅޭނީ ސްރީލަންކާގައެވެ.

މި މުބާރާތް ކުރިއަށްދާނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވަނީ ނިންމައިފައެވެ. މި މުބާރާތުގައި އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ނޭޕާލްގެ އެލީޓް ޓީމުތައް ޖުމްލަ 13 ހިތްގައިމު އޯޑީއައި މެޗެއްގައި ވާދަކުރާނެއެވެ.

މުބާރާތުގައި ދެ ގްރޫޕެއް ހިމެނޭއިރު، ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމެއް ސުޕަ ފޯ ސްޓޭޖަށް ކޮލިފައިވާނެ އެވެ. ދެން ބައްދަލުކުރާނީ ސުޕަ ފޯ ސްޓޭޖުގެ ގަދަ ދެ ޓީމެވެ.

އޭޝިއާ ކްރިކެޓް ކައުންސިލަކީ 1983 ވަނަ އަހަރު، އޭޝިއާގައި ކްރިކެޓް ހިންގުމަށް އެކުލަވާލި އިދާރާއެކެވެ. މި އެސޯސިއޭޝަނުގައި ޖުމުލަ 25 މެމްބަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.