އިންޑިއާ އިންޓަ ސްޓޭޓް ސީނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެތްލީޓުން ވާދަކުރަމުން ދާއިރުގައި ދޭދޭ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަށް އަސަރުކުރާ ފަދަ ވާހަކަތައް ނުދެއްކުމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މިއީ އެތްލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާއިން ރާއްޖެއަށް ހުޅުވާލަދިން ފުރުޞަތެކެވެ. އިންޑިއާގެ ބުބްނޭޝްވަރްގައި މިހާރު ކުރިއަށްދާ 62 ވަނަ އިންޑިއާ އިންޓަ ސްޓޭޓް ސީނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 5 އެތްލީޓުން ވާދަކުރަމުންދާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ދުނިޔޭގެ ޤައުމުތަކުން އިންތިޒާމްކުރާ އެ ޤައުމުތަކުގެ ނޭޝަނަލް/ޑިސްޓްރިކްޓް/ސިޓީ ލެވެލް ކުޅިވަރު މުބާރާތްތަކުގައި އަވަށްޓެރި ގައުމުތަކަށް ދައުވަތު ދީގެންނާއި، އަވަށްޓެރި ގައުމުތަކުން އެދިގެން، އެ މުބާރާތްތަކުގައި އެހެން ގައުމުތަކުން ވާދަކުރުމަކީ އައު ކަމެއް ނޫންކަމުގައި އެތްލެޓިކްސް އެސޯސިއޭޝަނުން ފާހަގަކުރިއެވެ. އަދި ވަކިން ޚާއްސަކޮށް، އިންޑިވިޖުއަލް ކުޅިވަރުތަކުގައި ފަދަ ފުރުޞަތުތައް ދިނުމަކީ ޢާންމުކޮށް ހުރިހާ ގައުމުތަކަކުންވެސް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އެސޯސިއޭޝަނުން ބުނެއެވެ.

އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޑޭޝަން 1983 ވަނަ އަހަރު އުފެދުނީއްސުރެ ބައިނަލްއަގްވާމީ މުބާރާތްތަކާއި، އަވަށްޓޭރި ގައުމުތަކުގެ ނޭޝަނަލް ޗެމްޕިއަންޝިޕްތަކުގައި ރާއްޖެއިން އަންނަނީ ވާދަކުރަމުން ކަމަށެވެ. މިގޮތުން އެސޯސިއޭޝަނުން ބައިވެރިވެ ވާދަކޮށްފައިވާ އެހެން ގައުމުތަކުގެ ނޭޝަނަލް މުބާރާތްތަކުގެ ތެރޭގައި ސްރީލަންކާ، ޕާކިސްތާން، ސިންގަޕޯރ، މެލޭޝިއާ، ބޮޓްސްވާނާގެ ނޭޝަނަލް އެތްލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއާ ނޭޝަނަލް ސްޓޭޓް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތައް ހިމެނޭ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައިވެސް އަވަށްޓެރި އިންޑިއާއާއި ސްރީ ލަންކާގެ އެތްލީޓުން ވާދަކޮށްފައިވެއެވެ.

ކަން މިހެން އޮތް ކަމުގައިވިޔަސް، ބައެއް ފަރާތްތަކުން، މިކަމާއި ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ތަފާތު ތަފާތު ވާހަކަތައް ދައްކަމުންދާކަން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައިއެވެ. އަދި މިފަދަ ވާހަކަތަކަކީ، އެ ވާހަކަތަކުގެ ސަބަބުން މިހާރުވެސް އިންޑިއާގައި ތަމްރީން ހަދަމުން އަންނަ އެތްލީޓުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެކަމެއް ކަމަށްވެސް އެ އެސޯސިއެޝަނުން ފާހަގަކުރިއެވެ.

މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަކީ އެކަމުގެ ސަބަބުން ކުޅީވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ، އެކުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަންތައްތައް ކަމުގައި އެ އެސޯސިއޭޝަނުން ބުންޏެވެ.

މިހެން ކަމުން ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް އަސަރުކުރާ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް އެ އެސޯސިއޭޝަނުން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    އަހަރެމެންގޮވާނީ އިންޑިއާ އައުޓޭ.

  2. ހުސޭނުބޭ

    ވެންޓިލާޓަރ ވައްކަމާ ގުޅިގެން ހުޅަގު މޫސުމުގައި ވިއްސާރަކޮށްފާނެތީ ވައްކަމުގެ ވާހަކަ ނުދެއްކުމަށް އެދިއްޖެ!

  3. މުހައްމަދު

    މިގައުމުގެ މިނިވަންކަމަށް ލޮޅުން އަންނާނޭ އެއްވެސްކަމަކީ ދޭދޭގައުމުގެ މަސްލަހަތޭ ކިޔާފައި ދޫކޮށްލެވޭވަރަށްވުރެ ބޮޑެތި ކަންކަން. ކުޅިވަރަކަށް ގައުމުގެ މިނިވަންކަން ނީލަން ނުކިޔޭނެ. އަހަރެމެން ދިވެހިން ގުނބޯހެއްދުން ހުއްޓާލުމަށް ސަރުކާރަށާއި އެތްލެޓިކްސް އެސޯސިއޭޝަނަށް ގޮވާލަން

  4. ހިޔަޅު

    އިންޑިއާގެ ސްޓޭޓަކަށް ރާއްޖެ ހެދުމަށްކުރާ މަސައްކަތެއް. އިންޑިއާގެ ނޫސްތަކުން ސިފަކުރަނީ އެއީ މިހާރު އިންޑިއާގެ ސްޓޭޓެއްގޮތަށް. ކަލޭމެން ޖަހާކޮންމެ ސަކަރާތެއްޖަހާފާ ދެގައުމުގެ ގުޅުމޭ އަމޔޭ މުންޖޭ ކިޔާނެކަމެއްނެތް. މިވާހަކަތައް ދައްކާނަށް.

  5. ހަސަން ކުރުސީ

    އަޅުވެތިވާނީ ތިހާކައްހާވަރަށް