މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށްގެންދާ ދިވެހި ސާފް ލީގުގެ މި އަހަރުގެ ތިން ވަނަ އިވެންޓު، "ގާމާދޫކޮޅު" ގެ މެންސް އޯޕަން ޗެމްޕިއަންކަން ދެބެއިން ކަމަށްވާ ހުސައިން އަރީފް އަދި ޖޫނިއާ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް ހޯދައިފިއެވެ.

ފަސް ވަނަ ރައުންޑުގައި ލިބުނު އަނިޔާއެއްގެ ސަބަބުން 2022 ވަނަ އަހަރުގެ ޗެމްޕިއަން އަދި މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އަށް ކުއާޓާ ފައިނަލްގެ ހީޓުގައި ވާދަކުރެވިފައެއް ނުވެއެވެ.

މި މަހު 14 ވަނަ ދުވަހު ހިންމަފުށީގައި ފެށި މި އިވެންޓުގެ ފައިނަލް ހީޓުތަކުގެ އިތުރުން މެންސް އޯޕަންގެ ކުއާޓާ، ސެމީ އަދި ޖޫނިއާ ސެމީގެ ހީޓުތައް ކުރިޔަށް ދިޔައީ މިއަދުއެވެ. މެންސް އޯޕަންގެ ފައިނަލުގައި ބައްދަލުކުރީ ހުސައިން އަރީފް އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ. ފައިނަލުގެ ޖާގަ ހުސައިން އަރީފް ހޯދާފައިވަނީ ސެމީގައި 16 ޕޮއިންޓުގެ ސްކޯއަކުން އާދަމް މުއީން އިބްރާހީމް ބަލިކުރުމަށްފަހުއެވެ. އަދި ހޫބްޒް ފައިނަލަށް ދަތުރުކުރީ ސެމީގައި އިސްމާއީލް މިގްލާލް (ކުޑަ އިއްސެ) އާ ބައްދަލުކޮށް 17.17 ގެ ނަތީޖާއަކުން ހީޓު ކާމިޔާބުކޮށްގެނެވެ.

ވާދަވެރިކަން ފެނިގެން ފައިނަލުގައި އިބޫ ކުރި ހޯދާފައި ވަނީ 15.66 ޕޮއިންޓް ހޯދައިގެންނެވެ. އަދި ހޫދު އަށް ލިބިފައިވަނީ 11.73 ޕޮއިންޓްސްއެވެ. ފައިނަލް ހީޓަށް ފަހު ވާހަކަ ދައްކަމުން އިބޫ ބުނި ގޮތުން ފައިނަލް ހީޓު ކާމިޔާބު ކުރެވުނީ ވަރަށް ހިއްވަރު ކޮށްގެންނެވެ. އަދި ހޫދު އަކީ ތަފާތު އެތްލީޓެއް ކަމަށާއި، ވަރުގަދަ ޗެލެންޖެއް ދިން ކަމަށެވެ. މިއީ ޖެހިޖެހިގެން މި މުބާރާތް އިބޫ ކާމިޔާބު ކުރި ދެވަނަ ފަހަރުއެވެ.

ޖޫނިއާ ފައިނަލުން ކަޔާން ޖާގަ ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާން އާ ބައްދަލުކޮށް ހަނިގޮތަކަށް މޮޅުވެގެނެވެ. ކަޔާންއަށް ލިބުނީ 11.83 އެވެ. ފައިނަލުގެ ދެވަނަ ޖާގަ ޔާސިން އަހުމަދު ނާޝިދު ހޯދީ ސެމީގައި ޝާނިފް ޝަފީގް 11.84 ގެ ސްކޯއަކުން ބަލިކުރުމަށްފަހުއެވެ. ޖޫނިއާ ބައިގެ ފައިނަލް ހީޓުގައި ކަޔާން ވަނީ 12.77 ހޯދާފައެވެ. އަދި ޔާސިން އަށް ލިބުނީ 7.50 އެވެ. މިއީ ކަޔާން ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ.