ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން އެމްއެސްއޭއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ރާއްޖޭގެ ގައުމީ ސްކޮޑުގައި ހިމެނޭ ހަ އެތުލީޓުންގެ އިތުރުން ވައިލްޑް ކާޑް ސްލޮޓް ގައި މުބާރާތް ބާއްވާ ތުލުސްދޫގެ ދެ އެތްލީޓުން ބައިވެރިވާނެއެވެ.

މާދަމާ ތުލުސްދޫގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް މުބާރާތުގެ ވައިލްޑްކާޑް ސްލޮޓުގައި ވާދަކުރާނީ ތުލުސްދޫގެ ހުސެއިން ނާސިހު (ޗިކާ) އާއި އާދަމް މުއީން އިބްރާހިމްއެވެ.

ދިވެހި ސާފު ލީގުގެ ތެރެއިން ޗިކާ، ފޮޓޯ: ސާފިން އެސޯސިއޭޝަން

ވައިލްޑްކާޑް ދެ ސްލޮޓާ އެކު މުބާރާތުގެ ފިރިހެން އޯޕަން ކެޓެގަރީގައި ރާއްޖޭގެ މުޅި އެކު އަށް އެތުލީޓުން ވާދަ ކުރެ އެވެ. އެއީ ޗިކާ އާއި މުއީންގެ އިތުރުން، ގައުމީ ސްކޮޑުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަބޯ)، ޖައިލަމް ނިޒާރު، ހޫދު އަހުމަދު (ހޫބްޒް)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހުސެއިން އަރީފް (އިބޫ) އެވެ.

އާދަމް މުއީން، ފޮޓޯ: މޯލްޑިވްސް ސާފް ފޮޓޯގުރާފާ

ގައުމީ ސްކޮޑުގައި ހިމެނޭ ތުލުސްދޫއަށް ނިސްބަތްވާ އަންމަޑޭގެ ފަހަތުން ރޭންކިންގެ އެންމެ މަތީގައި އުޅޭ ތުލުސްދޫ ދެ އެތުލީޓުންނަކީ ޗިކާ އާއި މުއީން އެވެ. އަންމަޑޭގެ އެއްބަނޑު އެއްބަފާ ބޭބެ، ޗިކާ އަކީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި ހިމެނުނު ތަޖުރިބާކާރު އެތުލީޓެކެވެ.

މިދިޔަ އަހަރުގެ ދިވެހީ ސާފް ލީގު މުއީން ނިންމާލީ ރޭންކިންގެ އަށްވަނައިގަ އެވެ. ޗިކާ އޮތީ 10 ވަނައިގަ އެވެ. މިއަހަރުގެ މިހާތަނަށް ލީގުގެ ތިން މުބާރާތެއް ނިމިފައި ވާއިރު، ޗިކާ މިވަގުތު އޮތީ ރޭންކިންގެ ހަތަރު ވަނައިގަ އެވެ. އެއް މުބާރާތުގައި ވާދަ ނުކުރެވުނަސް އެންމެ ފަހުން ބޭއްވި ހިންމަފުށީ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި މުއީން އޮތީ 11 ވަނައިގަ އެވެ.

މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް ޓީމު، ފޮޓޯ ސާފިން އެސޯސިއޭޝަން

ރާއްޖޭން ވަނީ 2019 ވަނަ އަހަރު ޗައިނާގައި އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަ ކޮށްފަ އެވެ. އިބޫ އާއި އަންމަޑޭ އަދި ސްމައިލީ ވާދަކުރި އެ މުބާރާތުގައި ރާއްޖޭން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ފައިނަލް ހީޓުގައި އިބޫ އާއި ސްމައިލީ ވާދަކުރި އިރު، ބްރޯންޒް ހޯދީ އިބޫ އެވެ. ސްމައިލީ އަށް ލިބުނީ ހަތަރުވަނަ އެވެ.

ތުލުސްދޫގައި ބާއްވާ މި މުބާރާތަކީ 2019 ވަނަ އަހަރަށް ފަހު އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެޕް) އިން ބާއްވާ ފުރަތަމަ އޭޝިއަން ޗެމްޕިއަންޝިޕެވެ. ފާއިތުވި ތިން އަހަރު ވެސް މުބާރާތް ނުބޭއްވުނީ ކޮވިޑް-19 ގެ ސަބަބުންނެވެ.

މުބާރާތުގައި ރާއްޖެ އާއެކު އޭޝިއާގެ 20 ގައުމަކުން ވާދަކުރެ އެވެ. މި މުބާރާތުގައި ފިރިހެން އަދި އަންހެން އޯޕަން ޑިވިޝަނާއި 18 އަހަރުން ދަށުގެ ޖޫނިއާ ޑިވިޝަންގެ އިތުރުން، ޓީމް އިވެންޓް ކަމަށްވާ އޭއެސްއެޕް އަލޯހާ ކަޕް ވެސް ހިމެނެ އެވެ.