ލެސްޓާ ސިޓީއަށް ކުޅެމުންދާ ހަމްޒާ ޗޯދުރީ ފަލަސްތީނަށް ތާއީދުކޮށް ޖެހި ޕޯސްޓެއްގެ ސަބަބުން އިނގިރޭސި އެފްއޭއިން އެ ކްލަބަށް ސިޓީއަށް ފޮނުވައިފިއެވެ.

ބަންގްލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވާ ހަމްޒާ ވަނީ މީގެ ދެ އަހަރު ކުރިން އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި ވެސް ފަލަސްތީނުގެ ދިދަ ދައްކާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

މުސްލިމް ކުޅުންތެެރިއެއް ކަމަށްވާ އިންގްލެންޑްގެ މިޑްފީލްޑަރު ހަމްޒާ، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލްގެ އަނިޔާވެރި ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް ބުނެފައި ވަނީ "ކޯރުން ފެށިގެން ކަނޑަށް ފަލަސްތީނު މިނިވަންވާނެ،" ކަމަށެވެ. އެއީ މުސްލިމުން ފަލަސްތީނު މިނިވަން ކަމަށް އާންމުކޮށް ކުރާ ޕޯސްޓެކެވެ.

އެ ޕޯސްޓާއެކު އެފްއޭއިން ލެސްޓާއަށް ފޮނުވި ސިޓީއެއްގައި ބުނީ ކުޅުންތެރިން އެފަދަ 'ފްރޭސް' ތައް ބޭނުން ނުކުރެވޭނެ ކަމަށާއި އެ ޕޯސްޓުން އަނިޔާވެރިވާން ބާރުއަޅައި ކަމަށެވެ.

އެފްއޭގެ ސިޓީ އާއެކު ހަމްޒާ ވަނީ މިހާރު އެކްސްގައި މައާފަށް އެދިފައެވެ. ހަމްޒާ މައާފަށް އެދުނީ އޭގެ ނުބައި މާނައެއް ދޭހަވެދާނެ ކަމަށް ބުނެއެވެ. އަދި ހަމްޒާ ބުނީ އެ ޕޯސްޓުގެ މަހުފޫމް އޮޅުވާލުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.

އިސްރާއީލްގެ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީން ގައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އާންމުންގެ އެތައް ހާސް ބަޔަކާއި އެތައް ހާސް ކުޑަކުދިންނެއްވެސް ހިމެނެއެވެ. އެތައް ބަޔަކު ޝަހީދުވެފައިވާއިރު، އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އަދި ކާނާ އާއި ބޯފެނާއި ކަރަންޓްވެސް ލިބޭނެ ގޮތެއް ވަނީ ނެތިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދި މޮކް ރެޓްސް

    އެމީހުން ރުހޭ ކަމެއްނޫނީ އެވާނީ ''ކޮންޓެންޓާއި ޚިލާފު'' ނޫނީ އަނިޔާވެރިކަމަށް ބާރު އެޅުމަށް.
    ހުޅަނގުން ރުހޭ ކަމެއްނޫނީ ނުކުރެވޭނެ. މުޅި ދުނިޔޭގެ ކުރިމަތީ ޔަހޫދީން، ފަލަސްޠީނުގެ ކުޑަކުޑަ މައުޞޫމު ތުއްތުކުދިން މަރަމުންދާއިރު އެ އަނިޔާތަކަށް ހިތްވަރުދެމުން ދެން ކޮންވާހަކައެއްދައްކާކަށްހެއްޔެވެ؟
    މުސްލިމުން ވިސްނަންވެއްޖެއެވެ! ދުނިޔޭގެ ދަލުގައި ޖެހިފައި ތިބި ޒުވާނުން ސަލާމަތްވެ އިސްލާމީ އުއްމަތަށް ޙިދުމަތެއްކުރެވޭތޯ ބެލުންމާރަގަޅުވާނެއެވެ!
    ''ހުޅަނގުގެ މަކަރުވެރި ދަލުން'' ވަނީ ޒުވާނުންނާއި ޅަދަރިން ޣާފިލުކުރުވައި އެމީހުންގެ ވަގުތު ދުނިޔެވީ ނުވަތަ މުނިފޫހިފިލުވާނެ ކޮންމެވެސް ކަމެއްގެ ތެރެއަށް ވައްދައި މުޅި ޖީލު އެކިގޮތްގޮަތަށް އެކި ކަންކަމުގައި ބަނދެވޭނެގޮތް ހަދާފައެވެ. އުއްމަތާއިމެދު ޣާފިލް ކުރުވާފައެވެ.

  2. ނާނި

    ޔުކުރޭންނަށް ތާއީދުކޮށް ފުޓްބޯޅަ މެޗްތަކުގައި ކޮންމެކަމެއް ކުރިނަމަވެސް ހުޅަނގަށް އެއީ މައްސަލައެއްނޫން. ''ވެސްޓަން ހިޕޮކްރޮސީ''