އިނގިރޭސި ޕްރެމިއަރ ލީގުގެ އެންމެ ކާމިޔާބު ކުލަބުގެ ގޮތުގައި ފާހަގަ ކުރެވޭ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ކަމުން އެރިކް ޓެން ހާގް ވަކި ކުރަން އެ ކުލަބުން ވިސްނަމުންދާ ކަމުގައި އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުން ކޯޗު ޓެން ހާގު މަގާމުން ވަކިކުރަން ވިސްނަން ފެށީ ސީޒަންގެ ކުރީކޮޅު ކުލަބުގެ ނަތީޖާތައް ގޯސްވެ، ކުޅުންތެރިންނާ އޮތް ގުޅުން ގޯސްވާން ފެށުމުންނެވެ.

ޖެހި ޖެހިގެން ދެ މެޗުގައި އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެ އުނދަގޫ ހާލަތެއްގައި ޔުނައިޓެޑް އޮތްއިރު، އެކުލަބުން މިދިޔަ އަހަރު ކާމިޔާބުކުރި ކަރަބާއޯ ކަޕުންވެސް ވަނީ ކަޓާފައެވެ. މިހާތަނަށް މި ސީޒަންގައި ޔުނައިޓެޑުން ކުޅުނު 15 މެޗުގެ ތެރެއިން އަށް މެޗުން އެޓީމް ވަނީ ބަލިވެފައެވެ. އަނެއްކޮޅުން ލީގުގައިވެސް އެކުލަބު އޮތީ ތާވަލްގެ އަށްވަނައިގައެވެ. ކުޅުނު 10 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ކޯޗު ވަކިކުރަން ޔުނައިޓެޑުން ވިސްނަމުން އަންނަ އަނެއް ސަބަބަކީ ކުލަބުގެ ކުޅުންތެރިންނާ އޮތް ގުޅުން ކުޑަވާން ފެށުމެވެ. މިގޮތުން ބައެއް ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވޭއިރުވެސް އެ ކުޅުންތެރިން ކުޅެން އަރުވައި، އެހެން ކުޅުންތެރިން ބާކީ ކުރާ ވާހަކަތަކެއްވެސް އަންނަނީ އަޑުއިވެމުންނެވެ. އަދި ޗޭންޖިން ރޫމުގައި ބައެއް ކުޅުންތެރިން ޓެންހާގާ ވާހަކަދައްކަން ބޭނުން ނުވާ ކަމަށް ވެސް އަޑުވަނީ ފެތުރިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލީގުގައި ފުލަމްއާ ދެކޮޅަށް މިއަދު ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް ޓެން ހާގަށް ނެތެވެ. އެ މެޗުން ބަލިވެއްޖެ ނަމަ އޭނާއަށް މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ.

ޓެން ހާގުގެ ބަދަލުގައި ޔުނައިޓެޑުން މިހާރު އާ ކޯޗެއް ހޯދުމަށް މަސައްކަތް ފަށާފައިވާއިރު، ލިސްޓުގެ ކުރީގައި އުޅެނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާނެވެ. ޓެން ހާގު އެ މަގާމަށް މީގެ ދޮޅު އަހަރުކުރިން އައިއިރުވެސް ޒިދާން ހޯދަން ޔުނައިޓެޑުން މަސައްކަތްކުރި އެވެ