މި އަހަރުގެ އަޟްޙާ ޢީދުގައި މާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޓީމް އެމްވައިއޭ ވާދަ ކުރާއިރު، އެ ޓީމުން ފެނިގެންދާނެ އެންމެ ތަފާތު އެއް ކުޅުންތެރިއަކަށްވާނީ، ޢަލީ ޙުސައިން (ޔަބެ) އެވެ.

“ނިޔާމަ” ރިސޯޓުގައި މިހާރުވެސް ކުޅެމުން އަންނަ ޔަބެ ބުނީ، މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، މިފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ.

“ވަރަށް ފިޓްކޮށް މިހުރީ. އިރާދަކުރެއްވިއްޔާ ޓީމުގެ އަމާޒަކީ ތަށި ކާމިޔާބު ކުރުން. މި މުބާރާތަކީ އަހަންނަށްވެސް ވަރަށް މުޙިއްމު މުބާރާތެއް. ޤައުމީ ލެވެލްގެ ކުޅުންތެރިންވެސް މި މުބާރާތުން ފެނިގެން ދިއުމަކީ މުޅި މުބާރާތަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް” ޔަބެ ބުންޏެވެ.

ޔަބެގެ އިތުރުން، ރާއްޖޭގެ ޤައުމީ ޓީމަށް މިހާރުވެސް ކުޅެމުން އަންނަ މުޙައްމަދު އަޙުސަން(ސޮއްޓި) ވެސް ޓީމް އެމްވައިއޭއިން ފެންނާނެއެވެ.

މީގެ އިތުރުން، އަޙުމަދު ޢަބްދުލްޣަނީ، ހުސާމް، މާޖިދު ޢަލީވެސް ޓީމް އެމްވައިއޭއަށް މިފަހަރުގެ މުބާރާތުގައި ކުޅޭނެއެވެ.

މުބާރާތާއި ގުޅިގެން ވާހަކަ ދައްކަމުން ޓީމުގެ އޮފިޝަލެއް ކަމަށްވާ ހުސެއިން މުޙައްމަދު (ބަތޭ) ބުނީ، ޓީމް އެމްވައިއޭގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، މުބާރާތުގެ ތައްޓާއި މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި، ވަރަށް ފަސޭހަ ކަމާއި އެކު މުބާރާތް ކާމިޔާބު ކުރާނެ ކަމަށެވެ.

ހަމައެހެންމެ، އެންއެންޑީއެފްގައި ކުރިން މަސައްކަތް ކޮށްފައިވާ، ހުސާމަކީވެސް ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރި އެކެވެ. މާޖިދު ޢަލީ (ޖަމާ) ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ޓީމް އެމްވައިއޭގެ ކެޕްޓަނަކީ ޙާލިދު ޢަލީ (ރޮނާ) އެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ. ކައުންސިލްގެ އެހީތެރިކަމާއި އެކު މުބާރާތް އިންތިޒާމު ކުރަނީ އައިލެންޑް ސްޕޯޓްސް އެކަޑަމީންނެވެ.

މުބާރާތް ބާއްވާނެ ރަސްމީ ތާރީހެއް އަދި އިޢުލާނެއް ނުކުރެއެވެ.