އަންނަ ބުދަ ދުވަހުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗަށް ފަހު، ޕްރިމިއާ ލީގުގެ ތަށި އުފުލާލާނެ ކަން ލިވަޕޫލުން ހާމަކޮށްފިއެވެ.

ލިވަޕޫލުން ބުނި ގޮތުގައި ބުދަ ދުވަހު އެ ޓީމުން ތަށި އުފުލާލަން ނިންމާފައި ވަނީ ހާއްސަ ހަފްލާއެއްގައެވެ. ލިވަޕޫލުން މި އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައި ވަނީ 30 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

ނަމަވެސް ކުލަބުގެ އެއްވެސް ސަޕޯޓަރަކަށް މި ހާއްސަ ދަނޑިވަޅުގައި އެންފީލްޑުގައި ބައިވެރި ނުވެވޭނެއެވެ. މި ރަސްމިއްޔާތުގައި ލިވަޕޫލްގެ ލިޖަންޑު ސާ ކެނީ ޑަލްގްލިޝް ކުޅުންތެރިންނަށް މެޑަަލް ހަވާލް ކުރަން ހަމަޖެހިފައި ވާއިރު އެޔަށް ފަހު ތަށި އުފުލާލާނީ އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސެންއެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލަށް ޗެންޕިއަންސް ލީގު ތަށި އުފުލާލަ ދީފައިވާ ހެންޑަސެން ވެގެން ދާނީ 1990 ވަނަ އަހަރު އާލަން ހަންސެން އަށް ފަހު ޕްރިމިއާ ލީގު ލިވަޕޫލަށް އުފުލާލަ ދިން ފުރަަތަމަ ކެޕްޓަނަށެވެ. ލިވަޕޫލްގެ ކުޅުން ތެރިން ތަށި އުފުލާލާނީ އެ ކުލަބުގެ ސަޕޯޓަރުން ތައްޔާރު ކޮށްފައިވާ ހާއްސަ ބެނާ ތަކެއްގެ ވަށައިގެން މަޝްހޫރު "ކޮޕް" ސްޓޭންޑެއް ގައެވެ.

ލިވަޕޫލް އިން ވަނީ ސަޕޯޓަރުން ގޭގައި ތިބެގެން މި ހާއްސަ ވަގުތު ގައި ބައިވެރި ވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ސަޕޯޓަރުންގެ އަގު ވަޒަންކޮށް ބައިވެރި ކުރުމަށް ހާއްސަ ޕްރެޒެންޓޭޝަން އެއް މި ހަފްލާގައި ދޭން ނިންމާފައި ވާކަމަށް އެ ޓީމުން ވަނީ ހާމަ ކޮށްފައެވެ.