ޔުރޮޕާ ލީގުގައި ވީއޭއާރު ބޭނުންކުރަން ފެށުމަށް އާސެނަލްގެ ކޯޗު މައިކަލް އާޓޭޓާ ގޮވާލައިފިއެވެ.

އާޓޭޓާ މިހެން ބުނެފައިވަނީ ޔުރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޯލްޑުގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

މިމެޗު އާސެނަލުން 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރި ނަމަވެސް އާސެނަލްގެ ނިކެޓިއާ ކާމިޔާބުކުރި ލަނޑެއް ރެފްރީވަނީ އޮފްސައިޑުކަމަށް ނިންމާފައެވެ. މިކަމާއި ހިތްހަމަނުޖެހި މެޗަށްފަހު އާޓޭޓާބުނީ ޔުރޮޕާ ލީގުގައި ވީއޭއާރު ބޭނުންނުކުރަނީ ކީއްވެކަން އޭނާއަށް ނުވިސްނޭ ކަމަށެވެ.

މީގެއިތުރުން އާޓޭޓާ ބުނީ މިކަހަލަ ކަންކަމަކީ މުޅި މެޗަށް އޭގެ އަސަރުކޮށްފާނޭ ކަމަކަށެވެ.

ރޭ ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި މާޓިން އެލިންގްސެން ވަނީ މޯލްޑަށް ކާމިޔާބުކޮށް ލީޑު ނަގައިދީފައެވެ. އޭގެފަހުން ނިކެޓިއާ ކާމިޔާބުކުރި ލަނޑެއް ރެފްރީ އޮފްސައިޑުކަމަށް ނިންމިނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މޯލްޑުގެ ކްރިސްޓޮފާ ހޯގެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި މޯލްޑުގެ ޝެރިފް ސިންޔަން އަތުންވަނީ އިތުރު ލަނޑެއް ބައިކޮޅަށްވަދެ އާސެނަލަށް ލީޑު ލިބިފައެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ އާސެނަލުގެ ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޖޯ ވިލޮކެވެ.

މި މޮޅާއިއެކު އާސެނަލް ގުރޫޕް ބީގެ އެއްވަނާގައިއޮތީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަޕޮއިންޓާއި އެކުގައެވެ. މިމެޗުން ބަލިވި މޯލްޑު ދެވަނާގައި އޮތީ ތިންމެޗުން ހަޕޮއިންޓާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކަމަކުވާ

    "އަހަންނަކަށް ހިއެއްނުވޭ މިހާރު ޓެކްނޮލޮޖީ ހުރިއިރު އެ އެއްޗެހި ބޭނުންނުކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް، އެންމެންވެސް ގަބޫލުކުރާނެ އެކަން" އާޓޭޓާ ބުންޏެވެ.

    ކޮންމެވެސް ކުއްޖަކު މި އިބާރާތްކޮޅު ދޭހަކޮށްދީބަލަ!