އަލަށް ބާއްވަން މަސައްކަތްކުރާ ޔޫރަޕިއަން ސުޕަ ލީގުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ނިންމައިފިއެވެ.

މި ނިންމުން އެ ކުލަބުން ހާމަކުރިއިރު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އާއި އާރްބީ ލިޕްޒިގް ވެސް ވަނީ ސުޕަ ލީގުގައި ބައިވެރިނުވާން ނިންމާ އެކަން ހާމަކޮށްފައެވެ.

ބަޔާން މިއުނިކްގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ ސުޕަ ލީގަށްވުރެ ޔުއެފާ ޗެމްޕިއަންސް ލީގު އެ ކުލަބަށް މާ މުހިއްމު ކަމަށެވެ. އަދި ސުޕަ ލީގު ރޭވުމުގައި ބަޔާން މިއުނިކްގެ އެއްވެސް ރޯލެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ސުޕަ ލީގުގެ ސަބަބުން އެ ލީގުގައި ވާދަކުރާ ކުލަބުތަކުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަން ކުރެވޭނީ ކުލަބުގެ ސަޕޯޓަރުންނާއި ސްޓާފުންނާއި އިދާރާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި ވަކިވެގަނެގެން މިފަދަ ލީގުތައް ބޭއްވުމަކީ އޭގެ ސަަބަބުން ގިނަ މައްސަލަތަކެއް ފެންމަތިވާނެ ކަމެއްގެ ގޮތުގައިވެސް ސީއީއޯ ސިފަކުރެއްވި އެވެ.

ބަޔާންގެ ސީއީއޯ ވަނީ 2024 ވަނަ އަހަރުން ފެށިގެން ބަދަލުވާ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓަށް ތައުރީފުކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގަކީ ޔޫރަޕުގެ ފުޓުބޯޅައިގެ ކުރިމަގަށް އެންމެ ރަނގަޅު މުބާރާތް ކަމަށާއި އެގޮތުން އަލަށް އެކުލަވާލި ފޯމެޓުގައި ޕްރީލިމިނަރީ ބުރުތަކެއް ލުމަކީ މުބާރާތުގެ ފޯރިގަދަ ވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖަރުމަނުގެ އެއްވެސް ކުލަބަކުން ސުޕަ ލީގުގައި ބައިވެރިނުވާނެ އެވެ. އެ ކުލަބުތަކުން ވަނީ ސުޕަ ލީގާއި ދެކޮޅަށް ބަޔާން ވެސް ނެރެފައެވެ.