މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގެ ޖާގަ އެންމެ ފުރަތަމަ ކަށަވަރު ކުރި ދެ ޓީމަށް ޓިއުނީޝިއާ އާއި ބުރްކީނާ ފާސޯވެއްޖެއެވެ.

ޓިއުނީޝިއާ އިން ރޭ ނައިޖީރިއާ ބަލިކުރީ 1-0 އިންނެވެ. ބުރްކީނާ ފާސޯ އާއި ގެބޮން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން 1-1 އިން އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހުމުން ބުރްކީނާ ފާސޯ މޮޅުވީ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 7-6 އިން ކާމިޔާބު ކޮށްގެންނެވެ.

ނައިޖީރިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެކަމަކު، ޓިއުނީޝީއާ މުބާރާތުގެ ދެވަނަ ބުރަށް އައީ ގްރޫޕް އެފްގެ ތިން ވަނަ ޓީމުގެ ގޮތުގައެވެ.

ގެބޮން ގްރޫޕް ސީގެ ދެވަނަ ލިބިގެން ގަދަ 16 އަށް ދަތުރު ކުރިއިރު، ބުރްކީނާ ފާސޯއަކީ ގްރޫޕް އޭގެ ދެވަނަ ޓީމެވެ. މި މުބާރާތުގައި އެންމެ މޮޅު އެއް ކުޅުމެއް ދައްކާ އެއް ޓީމަކީ ބުރްކީނާ ފާސޯއެވެ.

ޓިއުނީޝިއާ އިން ރޭ ނައިޖީރިއާ ބަލިކުރީ ފޯވާޑް ޔޫސެފް ސަކްނީ ޖެހި ހަމައެކަނި ލަނޑުންނެވެ. ނައިޖީރިއާ ވަނީ މިހާތަނަށް ތިން ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ބުރްކީނާ ފާސޯ އާއި ގެބޮން ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބުރްކީނާ ފާސޯ އިންނެވެ. މި ލަނޑު ޖަހައިދިނީ ކެޕްޓަން ބާޓްރަންޑް ޓްރައޯރޭއެވެ. ގެބޮން އިން އެއްވަރު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ. އެއީ ބުރްކީނާ ފޯސްގެ އެޑަމް ގޫރާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

ކުއާޓަ ފައިނަލުގައި ބުރްކީނާ ފާސޯ ވާދަކުރާނީ ޓީއުނީޝިއާއާ ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މިރޭ 9 ޖަހާއިރު ވާދަކުރާ މެޗުގައި ބައްދަލުކުރާނީ ގިނީ އާއި ގެމްބިއާއެވެ. އަދި މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޮމޮރޯސް އާއި މުބާރާތް ބާއްވާ ގައުމު ކެމަރޫންއެވެ.