ކުޑަކޮށް ދުވެލި ކަމުގައި ވިޔަސް، ނޭވާ "ކޮޅަށްދާ" ކަމަށާއި ހިތް އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކަމުގެ އިހްސާސް ނުކުރެވޭ ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސާޖިއޯ އަގުއެރޯ ބުނެފިއެވެ.

ހިތުގެ މައްސަލައާކާ ގުޅިގެން އަގުއެރޯ ބުނެފައިވަނީ މިހާރު އެއްވެސް ވަރަކަށް ފުޓުބޯޅަ ނުކުޅެވޭ ކަމަށާއި ކިރިޔާ ދުވެލިއަސް ނޭވާ ކޮޅަށްދާ ކަމަށެވެ.

"އަހަރެން ފުޓުބޯޅަ/ޓެނިސް ކުޅެން މަސައްކަތް ކުރިޔަސް ކިރިޔާ ދުވެލާއިރަށް ނޭވާ ކޮޅަށް ދަނީ. މިހާރު އަހަންނަށް އިހުސާސް ވަނީ އަހަރެންގެ ހިތް ރަނގަޅަކަށް މަސައްކަތެއް ނުކުރެއޭ" މެންޗެސްޓަ ސިޓީން ވިދާލި އަދި ގިނަ ކާމިޔާބީތަކެއް އެ ކްލަބަށް ހޯދައި ދިނުމުގެ ބޮޑު ރޯލެއް އަދާކުރި އަގުއެރޯ ކިޔައިދިނެވެ.

ސްޕެނިޝް ލީގުގައި އަލަވޭސް އަތުން ބާސާ އެއްވަރުވި މެޗުގައި އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ ބަދަލުކުރީ މެޔަށް ތަދުވެ ހެޔަށް ގޮތްވާން ފެށުމުން އޭނާގެ އެދުމުގެ މަތިންނެވެ.

މި ސީޒަނު ފަށައިގެން ފުރަތަމަ ދެ މަސްދުވަސް އަގުއެރޯ ހޭދަކޮށްފައިވަނީ އަނިޔާގައެވެ. އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައިސް ބާސެލޯނާއަށް ފުރަތަމަ މެޗެއް ކުޅެދިނީ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ވެލެންސިއާ އާ ދެކޮޅަށެވެ.

އަލަވޭސްއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް އަގުއެރޯގެ ބަދަލުގައި ކުޅެން އެރުވީ ފިލިޕް ކުޓީނިއޯއެވެ. ބާސާއިން މި ބަދަލު ގެނައީ ކުޅުންތެރިޔާގެ އެދުމުގެ މަތިން ސަލާމަތީގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. އަގުއެރޯގެ މެޔަށް ތަދުވާން ފެށުމާއެކު ބާސެލޯނާގެ މެޑިކަލް ޓީމުން ދަނޑުމަތީގައި ވެސް އިތުރު ފަރުވާ ދިނެވެ.

މެޔަށް ތަދުވީ ހިތުގެ މައްސަލަތަކެއް އުޅޭކަމަށް ބަލައިގެން އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ޕްރޮޓޯކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަގުއެރޯ ވަގުތުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައެވެ.

އަގުއެރޯ ބެލި ޑރ.ޖޯސެފް ބުނީ އަގުއެރޯގެ އިތުރު ޓެސްޓުތަކެއް ހަދައި ސަލާމަތީ ގޮތުން ބަލަންޖެހޭ އިތުރު ބެލުންތަކެއް ބެލުމަށް ތިން މަސްދުވަސް ހޭދަވާނެ ކަމަށެވެ. އަދި މި ތިންމަސްދުވަސް ތެރޭގައި ލިބޭ ކުރިއެރުންތަކަށް ބެލުމަށްފަހު އަގުއެރޯއަށް ކުޅުމުގެ ތެރެއަށް އައުމުގެ ފުރުސަތު ލިބިދާނެ ކަމަށް ވެސް އޭރު ޑޮކްޓަރުން ބުންޏެވެ.

ނަމަވެސް އިތުރަށް ޕްރޮފެޝަނަލް ފުޓުބޯޅަ ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދިނުމުން އަގުއެރޯ ވަނީ ރިޓަޔާކޮށްފައެވެ. އަގުއެރޯ ކުޅުމުން ރިޓަޔާ ކުރީއިރު އޭނާ ވަނީ ކެރިއަރުގައި 385 ލަނޑު ޖަހާފައެވެ. އާޖެންޓީނާއަށް އުފަން އަގުއެރޯ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެންމެ މޮޅު އެއް ފޯވާޑެވެ.