ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ ދޫކޮށްދާން ޖެހުނީ ކީއްވެ ކަމެއް ނޭނގޭ ކަމަށް އެ ކްލަބުގެ ކުރީގު ކޯޗް ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފިއެވެ.

ރޮނަލްޑް ކޫމަން އަކީ ޒަވީ ހާނަންޑޭޒް ބާސެލޯނާ އާ ހަވާލު ވުމުގެ ކުރިން އެ ކްލަބަށް އިރުޝާދު ދިން ކޯޗެވެ. ބާސާ އާއި ހަވާލުވިތާ އެންމެ 14 މަސް ދުވަހުގެ ތެރޭ އެ މަގާމުން ކޫމަން ވަކިކުރި އިރު އޭނާ ވަނީ ކްލަބުން އޭނާ އާއި ދޭތެރޭ ކަންތައް ކުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ކްލަބަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ޙާއްސަ ގޮތެއްގައި ބާސެލޯނާގެ މެނޭޖްމަންޓުން އެ ކްލަބުގެ މާލީ ޙާލަތާއި މެދު އޭނާ އާއި މުއާމަލާތު ކުރީ އެންމެ އިޚްލާސްތެރި ކޮށް ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ކޫމަން ބުންޏެވެ.

" ކުޅުންތެރިން ދޫކޮށްލަން އަހަރެން އެއްބަސްވީ ކްލަބުގެ މާލީ ޙާލަތު ހަމައަކަށް އެޅުވުމަށް މެނޭޖްމަންޓުން އެކަމަށް އެދުމުންނާއެކު. މާލީ ގޮތުން ޙާލަތު ދަށް ވެގެން މެސީގެ ކޮންޓްރެކްޓު ނުހެދި ކްލަބުން އޭނާ ދޫކޮށްލީ. އެކަމަކު މެސީ ދޫކޮށްލިތާ ދުވަސްކޮޅެއް ފަހުން ދެން މި ފެންނަނީ 55 މިލިއަން ޕައުންޑު ހަރަދުކޮށްފަ ބާސާ އިން ޓޮރެޒް ގެނައިތަން. މިހެން ކަންތައް ވުމުން ހިތަށް އަރާ އަނެއްކާ އެހެން ކަމެއް އެބައުޅޭ ބާވައޭ އެތެރޭގަ؟ އެވަރު ހަރަދު ކޮށްފައި ކުޅުންތެރިން ގަނެވޭނަމަ މެސީ ބާސާ ދޫކޮށް ދާން ޖެހުނީ ކީއްވެ ހޭ ؟ " ކޫމަން ބުންޏެވެ.

ވިއްސަކަށް އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ އެ ކްލަބު ދޫކޮށްލީ މާލީ ހާލަތުގެ ސަބަބުން ބާސާ އާއެކު އާ ކޮންޓްރެކްޓެއް ހެދޭނެ ގޮތެއް ނެތިގެންނެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މެސީ ބާސާގައި އިތުރު ފަސް އަހަރު މަޑު ކުރުމަށް ދެ ފަރާތުން އެއްބަސްވެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔަ ނަމަވެސް ފަހު ވަގުތު ލަލީގާގެ ގަވާއިދު އިން ގޮތުން ބާސާގެ މުސާރައިގެ ލިމިޓު އިންތިހާ އަށް ބޮޑުވެފައިވާތީ އެ ކްލަބަށް މެސީ ރަޖިސްޓާ ނުކުރެވި އެންމެ ފަހުން ޖެހުނީ އޭނާ ދޫކޮށްލާށެވެ.

މެސީ ދޫކޮށްލުމަށްފަހު ބާސާ އިން ކުރިމަތިލި ފުރަތަމަ ޓްރާންސްފާ ބާޒާރުގައި އެ ޓީމު ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ. މެންޗެސްޓަ ސިޓީ އަށް 55 މިލިއަން ޕައުންޑު ދީފައި ފެރަން ޓޮރެޒް ގެނައުމުގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ޑަނިއެލް އަލްވެސް އާއި ލޯނު އެއްބަސްވުމެއްގެ ދަށުން ވުލްވްސް އަށް ކުޅެމުން އައި ސްޕެއިނުގެ ޒުވާން ވިންގާ އެޑަމާ ޓްރައޯރޭ ވެސް ގެނައެވެ. ބާސާ އިން ޖެނުއަރީ ޓްރާންސްފާ ބާޒާރު ނިންމާލީ ހިލޭ އެއްބަސްވުމެއްގެ ދަށުން އާސެނަލް އަށް ކުޅެމުން އައި ގެބޮންގެ ޕިއެރެ އެމެރިކް އޮބަމަޔަންގެ ސޮއި ހޯދުމަށްފަހު އެވެ.

މާލީ ޙާލަތު ގޯސްވެފައި އޮއްވާ ބާސާ އިން އާ ކުޅުންތެރިންތަކެއް ކްލަބަށް ގެންނަށް ކުރިން ސްކޮޑުގައި ތިބި ކުޅުންތެރިންތަކެއްގެ މުސާރަތަކަށް ބަދަލު ގެނައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޓޮރެޒް ކްލަބުގައި ރަޖިސްޓްރީ ކުރީ ޑިފެންޑަރު ސަމުއެލް އުމްޓިޓީ ދަށް މުސާރަ އަކާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރަން އެއްބަސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެސީ

    ހިތާމަ ހުރި ކަމެއް މެސީ އާއި ދޭތެރޭ ކަންތަށް ވީ ވ ގޯސްކޮށް އެވަރުގެ ރީތި ނަމެއް ބާސާ އަށް ހޯދާދިނީމަ ވެސް ކަންތަށް ކުރީ ވ އިހާނެތިކޮށް މެސީ ނެތަސް ބާސާ ކުރިއަށް ދާނެ އެކަމަކު އެހުނަރެއް ދަނޑު މަތިން ދެން ނުފެނުމަކީ ސަޕޯޓަރުން އަށް ލިބޭނެ މާޔޫސް ކަމެއް