ފުޓްބޯޅަ ކެރިއަރު އެއްކޮށް ނިންމާލަން ބޭނުންވަނީ އާސެނަލްގައި ހުރެ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ވިންގާ ގެބްރިއެލް މާޓިނެލީ ބުނެފިއެވެ.

އުމުރުން އެންމެ 20 އަހަރުގެ މާޓިނެލީ އަކީ އާސެނަލްގައި މިހާރު ވިދަމުން އަންނަ ޒުވާން ޖެނެރޭޝަނުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ސްޕެއިންގެ މިކެލް އާޓެޓާ އެ ކްލަބާ ހަވާލުވި ފަހުން ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭން ޙާއްސަ އިސްކަމެއް ދޭއިރު މާޓިނެލީ އަކީ އާޓެޓާގެ ޓީމުން ފަހަކަށް އައިސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

މީޑިއަށް ދިން އިންޓަވިއުއެއްގައި މާޓިނެލީ ބުނީ އޭނާގެ އަމާޒަކީ އާސެނަލްގައި ހުރެ ކާމިޔާބު ކުޅުންތެރިއަކަށް ވުން ކަމަށެވެ. އެގޮތުން ޗެމްޕިއަންސް ލީގު ހޯދުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި އާސެނަލްގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ގަދަ ހަތަރަކުން ޖާގަ ހޯދައި އެނބުރި ޗެމްޕިއަންސް ލީގުގައި ކުޅުން ކަމަށް އޭނާ ބުންޏެވެ.

" އަހަރެމެންގެ މިއޮތީ ވަރަށް ޒުވާން ގްރޫޕެއް. ކުރިއަށް ވަރަށް ވަގުތު އޮތް މޮޅެތި ކުޅުންތެރިންތަކެއް. މި ޖެނެރާޝަނަކީ ޙާއްސަ ކުޅުންތެރިންތަކަށް ވާނެ. އާސެނަލްގެ އަމާޒަކީ ޗެމްޕިއަންސް ލީގު ހޯދުން. ގަދަ ހަތަރަކަށް އެރުން. އާސެނަލް ކަހަލަ ބޮޑު ކްލަބެއް ޗެމްޕިއަންސް ލީގުގައި އޮންނަން ޖެހޭ. އަހަރެން ވެސް ބޭނުން ތަށި ހޯދަން. ހުރެވޭ ނަމަ ކެރިއަރު އެކީ ނިންމާލާނީ ވެސް އާސެނަލްގައި ހުރެ. މި ކްލަބުގައި ހުރެ ފޭނުންނާ އަހަރެންގެ ޓީމް މޭޓުންނާ އެކީގައި ތަށި ހޯދުން އެއީ އަމާޒަކީ، " މާޓިނެލީ ބުންޏެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފަށައި އިޓުއާނޯ އަށް ކުޅުމަށްފަހު މާޓިނެލީ އާސެނަލް އަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. ދޭތެރެ ދޭތެރެއިން އަނިޔާގެ މައްސަލަތަކާ ކުރިމަތިވި ނަމަވެސް ފަހަކަށް އައިސް އޭނާ އަންނަނީ އެއް ލެވެލް އެއްގައި ކުޅުން ދަމަހައްޓަމުންނެވެ. މި ސީޒަނުގައި އޭނާ ވަނީ ލީގުގައި 4 ގޯލް ޖަހައިފައެވެ.