ޕްރިމިއާ ލީގު ކްލަބް ލިވަޕޫލަށް ކުޅޭ ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ލިވަޕޫލުން މާނޭ ވިއްކާލަން އެއްބަސްވެފައި ވަނީ 35.1 މިލިއަން ޕައުންޑަށެވެ. މާނޭ ހޯދުމަށް ބަޔާން އިން މީގެކުރިން ދެ ފަހަރެއްގެ މަތިން ބިޑް ކުރި ނަމަވެސް ލިވަޕޫލުން އެކަމާ ދެކޮޅު ހެދިއެވެ.

އެކަމަކު، ލިވަޕޫލް އާއި ބަޔާން ގާއިމުކުރި އެއްބަސްވުމުގެ ދަށުން މާނޭ ވިއްކާލައިގެން ލިވަޕޫލް އަށް 27.4 މިލިއަން ޕައުންޑް ލިބޭނެއެވެ. އަދި މާނޭ ކުޅުމަށް ބަލާފައި އިތުރު 5.1 މިލިއަން ޕައުންޑް އަދި ފަރުދީ އަދި ޓީމުގެ ކާމިޔާބީތަކަށް ބަލައި އިތުރު 2.6 މިލިއަން ޕައުންޑް ވެސް ދޭނެއެވެ.

ބަޔާން އިން މާނޭ ހޯދުމަށް އެންމެ ފުރަތަމަ 21 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާއިރު، ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 30 މިލިއަން ޕައުންޑުގެ ބިޑެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ހޯދާފައިވާ މާނޭ ވަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. މިގޮތުން މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ އެޓީމަށް ކުޅުނު 51 މެޗުގައި 23 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

މީގެއިތުރުން މިދިޔަ ސީޒަނުގައި ލިވަޕޫލްއާއެކު އެފްއޭ ކަޕް އަދި ކަރަބޯ ކަޕް ކާމިޔާބުކޮށްފައިވާ މާނޭ ވަނީ އެޓީމާއެކު ޕްރިމިއާ ލީގުގެ ދެވަނަވެސް ހޯދާފައެވެ. އަދި އޭނާ ވަނީ މި އަހަރު ސެނަގާލްއާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ.

މާނޭ ހޯދުމަށް ލިވަޕޫލްއާ ވާދަވެރި މެންޗެސްޓަ ޔުނައިޓެޑުން ވެސް މަސައްކަތް ކުރިއެވެ. އެކަމަކު، މާނޭ ވަނީ ޔުނައިޓެޑާ ގުޅެން ދެކޮޅު ހަދައިފައެވެ.

މާނޭ ވަނީ ޕްރިމިއާ ލީގުގައި ލިވަޕޫލަށް 90 ގޯލް ޖަހައިދީފައެވެ. އަދި ލިވަޕޫލަށް ކުޅެ ދިން އެކިއެކި މުބާރާތްތަކާއެކު ޖުމްލަ އެ ޓީމަށް މާނޭ ވަނީ 120 ގޯލް ޖަހައިދީފައެވެ.

މާނޭ އާއި މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ އަކީ ވެސް ލިވަޕޫލުން ފަހުގެ ތާރީހުގައި ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިންނެވެ. ލިވަޕޫލުން ވަނީ މިހަފްތާ 78.5 މިލިއަން ޑޮލަރު ދީފައި ބެންފީކާ އަށް ކުޅޭ އުރުގުއޭގެ 22 އަހަރުގެ ފޯވާޑް ޑާވިން ނޫނޭޒް ގެނެސްފައެވެ.

މާނޭ ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރު ސައުތެމްޓަން އިން 33.5 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ ލިވަޕޫލަށް 269 މެޗު ކުޅެދީފައެވެ.