ފީފާ ވޯލްޑް ކަޕްގައި މިރޭ ބްރެޒިލް އިން 2-0 އިން ސާބިއާ ބަލިކޮށްފައެވެ. މެޗު ނިމުނު އިރު، ވިދާލި ކުޅުންތެރިއަކީ އެވަޓަންގައި ހުރެފައި ޓޮޓެންހަމްއާ މި ސީޒަންގައި ގުޅުނު ރިޗާލިސަންއެވެ. ހާއްސަކޮށް އޭނާ ޖެހި ދެ ވަނަ ލަނޑަކީ ހިތްގައިމު ލަނޑެކެވެ.

މި ނަތީޖާއާ އެކު ބްރެޒިލް އޮތީ ގްރޫޕް ޖީގެ އެއް ވަނައިގައި ތިން ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ސްވިޒަލެންޑަށް ވެސް މި އަދަދަށް ޕޮއިންޓް ލިބުނު ނަމަވެސް ދެވަނައިގައި އޮތީ އެ ޓީމު އޮތީ ލަނޑުގެ ތަފާތުންނެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ކެމަރޫން އާއި ސާބިއާއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓު ދިޔަ އިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތައް އުފެއްދޭތޯ ބްރެޒިލް އާއި ސާބިއާ އިން ވެސް މަސައްކަތް ކުރިއެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައި ވަނީ ބްރެޒިލް އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލް އަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައި ނޭމާ ނަގައި ދިން ހުރަސް ގޯލްގެ ތެރެއަށް ވަންނަން ދަނިކޮށް އަތުން ޖަހައި ބޭރުކޮށްލީ ސާބިއާގެ ކީޕަރު ވަންޖަ މިލިންކޮވިޗްއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ނޭމާ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލަށް ޖެހި ބޯޅަ ސާބިއާގެ ޑިފެންޑަރު މިލޯސް ވެލިކޮވިޗް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ބްރެޒިލްގެ ކަސެމީރޯ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ކީޕަރު މިލިންކޮވިޗް ވަނީ ފަސޭހަކަމާއެކު، މަތަކޮށްފައެވެ.

ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ ބޯޅަ ހިފައިގެން. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 30 ވަރަކަށް މިނެޓު ކުޅެވުނު އިރު، ބްރެޒިލް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ތަން ފެނުނެވެ. ހާއްސަކޮށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަ ވިނިޝިއަސް ޖޫނިއާގެ ކުޅުން ފާހަގަކޮށްލެވެއެވެ. އަރިމަތިން ސާބިއާ އަށް އެންމެ ބޮޑަށް ނުރައްކާ ކުރީ ވެސް ވިނިޝިއަސް ޖޫނިއާއެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ބްރެޒިލް ކެޕްޓަން ތިއާގޯ ސިލްވާ ވަނީ ވިނިޝިއަސް ޖޫނިއާ އަށް ރީތި ބޯޅައެއް ދީފައެވެ. އެކަމަކު، ވިނިޝިއަސް ޖޫނިއާ ބޯޅަ ޖެހުމުގެ ކުރިން ކީޕަރު މިލިންކޮވިޗް އަރައި ބޯޅަ ވަނީ ދިފާއުކޮށްފައެވެ.

ބްރެޒިލްގެ ތަރި ނޭމާ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 35 ވަނަ މިނެޓުގައި ބްރެޒިލް އަށް ލީޑް ފުޅާ ކުރަން ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ ލޫކަސް ޕަކެޓާ ދިން ދިން ހިތްގައިމު ބޯޅައެއްގައި ބާސެލޯނާގެ ވިންގަ ރަފީނިއާ ގޯލަށް ޖެހި ނަމަވެސް، އެ ހަމަލާގައި މާ ބާރެއް ނެތެވެ. ރަފީނިއާ ޖެހި ބޯޅަ ސާބިއާގެ ކީޕަރު މިލިންކޮވިޗް ވަނީ ފަސޭހަކަމާއެކު އަތަށް ނަގައިފައެވެ.

އޭގެ ފަސް މިނެޓު ފަހުން، ބްރެޒިލްގެ ކަސެމީރޯ، ވިނިޝިއަސް ޖޫނިއާ އަށް ދިން ރީތި ބޯޅަ ގޯލަށް ޖަހަނިކޮށް ސާބިއާގެ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗް ވަނީ ހުޝިޔާރު ކަމާ އެކީގައި ދިފާއުކޮށްފައެވެ.

ސާބިއާގެ ޑޫސަން ޓަޑިޗް އަތުން ބޯޅަ ހޯދަން ބްރެޒިލްގެ ކަސެމީރޯ މަސައްކަތް ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ ފުރަތަމަ ހާފްގައި ފެނުނީ ސާބިއާގެ ކުޅުންތެރިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ތަނެވެ. ބޮޑަށް ސާބިއާ ކުޅުނީ ފުރަތަމަ ޑިފެންސްކޮށްފައި ކައުންޓާ އެޓޭކް ކުރެވޭތޯއެވެ. ނަތީޖާއެއްގެ ގޮތުން އާދަޔާ ހިލާފު ހުނަރެއް ހުރި ނޭމާ އާއި ރަފީނިއާ ފަދަ ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރެއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ވަދެވިފައެއް ނުވެއެވެ.

ދެ ވަނަ ހާފް ފަށައިގެން ވެސް ސާބިއާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރީ ބްރެޒިލްއެވެ. މެޗުގެ 46 ވަނަ މިނެޓުގައި ރަފީނިއާ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ޖެހި ބޯޅަ ސާބިއާ ކީޕަރު މިލިންކޮވިޗް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ބްރެޒިލް އިން ލީޑް ނަގަން ހުސް ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން، ވިނިޝިއަސް ޖޫނިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ ނޭމާ ޖެހި ނަމަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ވިނިޝިއަސް ޖޫނިއާ ބޯޅަ ޖެހުމުގެ ކުރިން ސާބިއާ ކީޕަރު ދިފާއު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ބްރެޒިލް އަށް ލީޑް ނަގަން 60 ވަނަ މިނެޓުގައި ވެސް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. ޔުވެންޓަސްގެ ޑިފެންޑަރު އެލެކްސް ސަންޑްރޯ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ޖެހި ބާރު ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ބްރެޒިލް އިން ލީޑް ނެގީ މެޗުގެ 62 ވަނަ މިނެޓުގައެވެ. ރެއާލް މެޑްރިޑްގެ ތަރި ވިނިޝިއަސް ޖޫނިއާ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ޖެހި ބޯޅަ ސާބިއާ ކީޕަރު މަތަ ކުރި ނަމަވެސް ޓޮޓެންހަމް އަށް ކުޅޭ ފޯވާޑް ރިޗާލިސަން ވަނީ އެއް ފަހަރުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ އެއް ބާރު ބްރެޒިލްގެ ދެވަނަ ލަނޑު ވެސް ޖެހީ ރިޗާލިސަންއެވެ. މިއީ ބްރެޒިލްގެ އަރިމަތިން ކުޅުނު ވިނިޝިއަސް ޖޫނިއާ ދިން ބޯޅައެކެވެ. މެޗުގެ 73 ވަނަ މިނެޓުގައި ދިން ވިނިޝިއަސް ޖޫނިއާ ދިން ބޯޅަ ރިޗާލިސަން ގޯލްގެ ތެރެއަށް ވައްދާލީ ކޮންޓްރޯލްކޮށްލުމަށް ފަހު ވެއްޓިގެންފައެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައި ބްރެޒިލް އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން ކަސެމީރޯ ޖެހި ބޯޅަ ދަނޑި އަށް އަމާޒުވި އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ރޮޑްރީގޯ އާއި ފްރެޑް ޖެހި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްއަކީ އެއް ފޭވަރިޓުންނެވެ. ވޯލްޑް ކަޕް 1930 ވަނަ އަހަރު ފެށުނީއްސުރެ، ކޮންމެ މުބާރާތެއްގައި ވާދަކުރި ހަމައެކަނި ޓީމަކީ ބްރެޒިލްއެވެ. ބްރެޒިލް އިން މިހާތަނަށް އައިއިރު، ފަސް ވޯލްޑް ކަޕެއް ކާމިޔާބު ކުރިއިރު، އިތުރު ޓީމަކަށް މި ކާމިޔާބީ ހޯދިފައި ނެތެވެ. އެކަމަކު، ބްރެޒިލް އަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވޭތާ މިހާރު ވަނީ 20 އަހަރުވެފައެވެ.

ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕެއް ކާމިޔާބުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. އެންމެ ފަހުން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ކުއާޓާ ފައިނަލްގައި 2-1 އިން ބެލްޖިއަމް އަތުން ބަލިވެގެންނެވެ. އޭގެ ކުރިން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކެޓީ ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގެ ސަޕޯޓަރުން ދަނޑުގައި. --- ފޮޓޯ: ގެޓީ އިމޭޖަސް

ބްރެޒިލް އާއި ސާބިއާ އެންމެ ފަހުން ވޯލްޑް ކަޕްގައި ބައްދަލު ކުރީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖްގައެވެ. އެ މެޗު ބްރެޒިލް އިން ސާބިއާގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

ބްރެޒިލް އާއި ސާބިއާ މިހާތަނަށް އައިއިރު، 1934 ގެ ފަހުން 17 ފަހަރެއްގެ މަތިން ކުޅުނު އިރު، ބްރެޒިލް މެޗަކުން ބަލިވެފައި ނެތެވެ. ބްރެޒިލް މިހާތަނަށް ކުޅުނު 15 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗަކުން ވެސް ބަލިވެފައެއް ނެތެވެ. ގްރޫޕް ސްޓޭޖްގައި އެ ޓީމު އެންމެ ފަހުން ބަލިވީ 1998 ވަނަ އަހަރު ނޯވޭ އަތުންނެވެ.

ސާބިއާ ވަނީ މީގެކުރިން ހަތަރު ވޯލްޑް ކަޕެއްގައި ކުޅެފައެވެ. ވޯލްޑް ކަޕްގައި 2006 ގެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން ސާބިއާ ވަނީ ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ ދެ މެޗުން މޮޅުވެފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަލިވީ ޓީމަކަށް ވެފައި އޮތީ ވެސް ސާބިއާއެވެ.

ފީފާ ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް ވަނީ އެ މުބާރާތުގައި ކުޅުނު 109 މެޗުގެ ތެރެއިން 73 މެޗުން މޮޅުވެފައެވެ. ބްރެޒިލްގެ މޮޅުވުމުގެ ރޭޓް ވެސް ހުރީ %67 ގައެވެ.

ވޯލްޑް ކަޕް 1930 ގައި ފެށުނު ފަހުން މިހާތަނަށް އައިއިރު ބްރެޒިލް 21 ވޯލްޑް ކަޕެއްގައި ކުޅެފައިވެއެވެ. ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ ބްރެޒިލްގެ 22 ވަނަ ވޯލްޑް ކަޕެވެ.