މިރޭ އާޖެންޓީނާއިން މެކްސިކޯއާއި ދެކޮޅަށް ނިކުންނަ މެޗަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ ފިޓްކޮށް ކަމަށް ކޯޗް ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާ މި މުބާރާތުގެ ފުރަތަމަ ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއި އެކީ އާޖެންޓީނާ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ އެންމެ ފުލުގައެވެ. އާޖެންޓީނާއަށް މުބާރާތުގެ ގަދަ 16 އަށް ދިއުމަށް މިރޭ ކުޅޭ މެޗާއި ކުރިއަށް އޮންނަ މެޗުން މޮޅުވުން މަޖުބޫރު ވާނެއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ސްކަލޯނީ ބުނެފައިވަނީ މެސީގެ ސިއްހަތާއި ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށާއި ނަމަވެސް އޭނާ ހުރީ އާޖެންޓީނާ ގަދަ 16 އަށް ގެންދިއުމަށް ރަނގަޅު ސިއްހަތެއްގައި ކަމަށެވެ.

"މެސީ އާއި އޭނާގެ ކުޅުންތެރިން ތިބީ މީގެ ކުރިއާއި ބަލާއިރު ވަރަށް ރަނގަޅު ސިއްހަތެއްގައި. ޖިސްމާނީ ގޮތުން އޭނާ ރަނގަޅު، އަޚްލާގީ ގޮތުން އޭނާ ރަނގަޅު. މައްސަލައެއް ނެތް،" ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާ ފަދަ ގައުމީ ޓީމެއް ތަމްސީލު ކުރާއިރު، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށާއި އެއީ ގައުމީ އެހެން ޓީމުތަކާ ތަފާތު ކަމެއްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މިރޭގެ މެޗަށް މެކްސިކޯއާއި ދެކޮޅަށް ނުކުންނައިރު، އެޓީމަކީ ސައުދީ އާއި އަޅާބަލާއިރު، އުނދަގޫ ޓީމެއް ކަމަށާއި ނަމަވެސް ޓީމުގެ ކުޅުމަށް ބަދަލެއް ނުގެނައި ނަމަވެސް މެޗުން މޮޅުވުމަށް ތަފާތުތަކެއް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މެކްސިކޯއަކީ ވަރަށް މޮޅު ޓީމެއް. އެމީހުން ހަމަލާ ފޮނުވާ ގޮތް ތަފާތު. އެޓީމުގައި ހުރީ ވެސް ވަރުގަދަ ކޯޗެއް" ސްކަލޯނީ ބުންޏެވެ.

މިރޭގެ މެޗަށްފަހު، ދެން އާޖެންޓީނާ ބައްދަލު ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ޕޮލޭންޑާއި އެވެ.