އިންގްލޭންޑުގެ ޓީމަކީ ފުޓްބޯޅައިން ބަލި ކުރެވޭނެ ޓީމެއް ކަމަށް ވޭލްސްގެ ކޯޗް ރޮބާޓް ޕޭޖް ބުނެފިއެވެ.

ވޭލްސްއިން މިއަދުގެ މެޗަށް އިންގްލޭންޑާއި ދެކޮޅަށް ނުކުންނައިރު، އެޓީމަށް މުބާރާތުގައި ކުރިއަށް ދެވެން އޮތީ ހަމަ އެކަނި އިންގްލޭންޑް ބަލި ކޮށްގެންނެވެ. މިމެޗުން ވޭލްސް ބަލިވެއްޖެނަމަ، އެ ގްރޫޕުގެ ދެން އޮތް މެޗުން ވާ ގޮތަކުން މުބާރާތުން ވޭލްސްއަށް އަލްވަދާއު ކިޔަން ވެސް ޖެހިދާނެއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕޭޖް ބުނެފައިވަނީ މެޗުގެ ފުރަތަމަ 11 އަށް އަރުވާނީ އެންމެ ހަގު ކުޅުންތެރިން ކަމަށެވެ. ނަމަވެސް ފުރަތަމަ 11 ގައި ގަރެތު ބޭލް އާއި އާރޮން ރަމްސީ ހިމެނޭނެ ކަމެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

ޕޭޖް ބުނީ، އިންގްލޭންޑަކީ ބަލި ކުރެވޭނެ ޓީމެއް ކަމަށާއި މުބާރާތް ކުޅޭ ސްޓޭޑިއަމްގައި ވޭލްސްގެ ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓަކީ އެޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އެ ހިތްވަރާއި އެކީ ވަރުގަދަ ކުޅުމެއް ވޭލްސްއަށް ދެއްކޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެމެން މި ހިސާބަށް އައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރީ. މި މެޗުގައި ވަރުގަދަ ޕާފޮމެންސެއް ދައްކައިގެން ކުޅެން ޖެހޭނީ. މުބާރާތުން އެނގިގެން ދިޔައީ ކޮންމެ ޓީމަކީ ވެސް ބަލި ކުރެވޭނެ ޓީމެއް ކަން. އެހެން ކަމުން އިންގްލޭންޑަކީ ވެސް ބަލި ކުރެވޭނެ ޓީމެއް" ޕޭޖް ބުންޏެވެ.

އޭނާ ބުނެފައިވަނީ ގެރެތް ސައުޓްގޭޓުގެ އިންގްލޭންޑުން ދަނޑަށް އަރައި ދައްކާނީ މޮޅު ކުޅުމެއް ކަމަށާއި އެހެން ކަމުން އެޓީމާ ދެކޮޅަށް ކުޅުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ.