ނަޕޯލީގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސިމެން އަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އޮސިމެން، 24، އަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައެވެ. މި މެޗުން ދެ ޓީމު 2-2 އިން އެއްވަރުވިއިރު، އޮސިމެންގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެގެން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 15 މިނެޓަށްފަހު ބަދަލުކޮށްފައެވެ.

އޮސިމެން އަށް މިލިބުނު އަނިޔާގެ ސަބަބުން ކުޅުމަށް އެނބުރި އާދެވޭނެ މުއްދަތެއް ނަޕޯލީން ހާމަކޮށްފައިނުވީނަމަވެސް، އަނިޔާއިން ރަނގަޅުވާން ހަތަރެއް ނުވަތަ ހަ ހަފްތާ ނަގާނެކަމަށް ބެލެވޭ ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

އަނިޔާގެ ސަބަބުން އޮސިމެން އަށް ނުކުޅެވޭ މެޗުތަކުގެ ތެރޭގައި؛ ނަޕޯލީ އެންމެ އަވަހަށް ލީގުގައި ހެލާސް ވެރޯނާއާ ބައްދަލުކުރާ މެޗާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި މަހުގެ 24 ވަނަ ދުވަހު ޖަރުމަނުގެ ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ އިތުރުން އޭގެ ފަސް ދުވަސް ފަހުން ލީގުގައި އޭސީ މިލާނާ ބައްދަލުކުރާ މެޗު ހިމެނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް މިފަހަރުގެ ސީޒަނުގައި ކުރިން ދެއްކި ތަފާތު މޮޅު ކުޅުން ތަކުރާރު ކުރެވިފައިނުވާއިރު، މިވަގުތު އެ ޓީމު އޮތީ ލީގުގެ ފަސްވަނައިގައެވެ. އަދި މިހާތަނަށްއައިއިރު އެ ޓީމަށް ލީގުގައި އެންމެ ގިނަ ލަނޑުޖަހައިދީފައިވާ އޮސިމެން ވަނީ ހަ ގޯލް ކާމިޔާބުކޮށްދީފައެވެ.