ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދީ ހަތަރު ގަޑިިއިރު ތެރޭ ފައިސާ ޖަމާ ކޮށްދޭން އެ ބޭންކް އިން ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

ބީއެމްއެލް އިން ވިދާޅުވީ، މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިންގ ލިބޭ އަދަދު ފެންނާނެ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް ހަތަރު ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައި ކަމަށާއި، ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް، ޕްރސެސްތަކަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

"މިއަދު މި ގެނެވުނު ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެ. އެހެން ކަމުން ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މިވަނީ 5 ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި،". ބީއެމްއެލްގެ ސީއީއޯ ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލް އިން ވިދާޅުވީ، ކަސްޓަމަރުންނަށް ލިބޭނެކަމަށް ފެންނަ އަދަދަކީ ބޭންކުގެ ކްރެޑިޓް އިވެލުއޭޝަނަށް ފަހު ކަނޑައަޅާފައިވާ އަދަދެކެވެ. ކަސްޓަމަރުންނަށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

މި ފައިނޭންސިންގ ތަކުގެ ރޭޓަކީ %15 އެވެ. އަދި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދެއްކުމަށް ފަސް އަހަރު ލިބޭނެއެވެ.