ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭއެމް) އިން ދެމުން އަންނަ ބޯޓިންގް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނެފައިވަނީ ބޯޓިންގް އެވޯޑަށް ކުރިމަތިލާން ޖެހޭނީ ވެބްސައިޓް މެދުވެރިކޮށް ކަމަށާއި މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

އެމްބީއޭއެމް އިން އެވޯޑުތައް ދިނުމަށް ނިންމާފައިވަނީ މިއަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މިއަހަރުގެ ބޯޓިންގް އެވޯޑަށް 29 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްބީއޭއެމް އިން ދެމުން އަންނަ ބޯޓިންގް އެވޯޑް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރުގައެވެ.

އޭގެ ތެރޭގައި ހިމެނެނީ، މަގުބޫލު އިންޝުއަރެންސް ޕާޓްނަރު އާއި އެންމެ ރަނގަޅު ބޯޓް ޑިޒައިން އާއި އެންމެ ރަނގަޅު މެރިން އިންޖީނާއި ރަނގަޅު އާފްޓާ ސޭލްސް ސާވިސް އަދި ޔޮޓް ބްރޭންޑެވެ.

އެމްބީއޭއެމް ބުނީ، އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ އެސޯސިއޭޝަނުން އެކުލަވާލާފައިވާ ޖަޖުންގެ ހާއްސަ ޕެނަލުންދޭ 70 ޕަސެންޓާއި ވޯޓާއި އެސްއެމްއެސް މެދުވެރިކޮށް ދޭ 30 ޕަސެންޓުގެ މާކްސްއަށް ބެލުމަށްފަހު އެންމެ ގިނައިން ލިބޭ ފަރާތްތަކަށް ކަމަށެވެ.