އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް މިއަހަރު ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ އިން ބުނީ އަހަރުގެ ރޯދަ މަހަކީ އެހެން އަހަރުތަކާ ހިލާފަށް ކޮވިޑް-19 ވައިރަހުގެ ސަބަބުން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް މަޖުބޫރުވެފައިވާ އަހަރެއް ކަމަށާއި އެހެން ކަމުން މި އަހަރު ގޭގައި ތިބެގެން ފިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ހިދުމަތްތައް ބޭނުންތެރި ކަމަށެވެ.

އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް އެމް-ފައިސާގެ އެޕްލިކޭޝަނަށް ވަނުމަށް ފަހު ސާވިސް ބައި ހިޔާރުކުރުމުން ފިތުރު ޒަކާތް ދެއްކޭނެ އޮޕްޝަނެއް ފެންނާނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދައްކާއިރު ވެސް ފިތުރު ޒަކާތް ދައްކަން ބޭނުންވާ ބާވަތެއް އިހްތިޔާރުކޮށް، ފައިސާ ދައްކާ މީހުންގެ މައުލޫމާތު ހުށަހެޅޭނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ ސުންގަޑި އަކީ މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 16:00 ކަމަށް އުރީދޫ އިން ބުނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް އެހެން ތަންތަނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި އޭގެ ތެރޭގައި، ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން އަދި ކުޑަކުދިންގެ ހިޔާފަދަ ތަންތަން ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރަކީ އާދައިގެ ހަނޑުލުން ނަމަ 15ރ.، ތައިލެންޑްގެ ހުދު ހަނޑުލުން ނަމަ، 48ރ، ބާސްމަތީ ހަނޑުލުން ނަމަ، 105ރ.، ރަތް ހަނޑުލުން ނަމަ، 65ރ.، އާދައިގެ ފުށުން ނަމަ، 12ރ. އަދި އާޓާ ފުށުން ނަމަ، 55ރ. އެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންނަށް ފައިސާ ހަވާލު ކުރާނީ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.