ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަތޮޅުތެރޭގައި ކުރަމުންދާ އިންްވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފިއެވެ.

އެ ބޭންކުން މިއަދު ބުނީ، މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމް ތަކެއް ކަމަށެވެ.

އަދި ބޭންކިންގ ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ކުރިއަތް އޮތް މަސްތަކުގެތެރޭގައި އިތުރު ސެލްފް ސަރވިސް އޭޓީއެމް ގާއިމްކުރުމާއި ބޭންކިންގ ހިދުމަތްތައް ތައާރަފްކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި އޭޓީއެމްތަަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެކެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ބޭންކިންގ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން މިދަނީ މުހިންމު އިންވެސްޓްމަންޓްތައް ކުރަމުން ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މިހާރުމިވަނީ އޭޓީއެމްތައް އަޅުނގަޑުމެންނާ ހަމަޔަށް ލިބިފަ. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެކަމަށް. އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ

    ވަރަށް އުފާ ވެެއްޖެ މައިންގެ ރަށު އޭޓީއެމް ބަހައްޓާތީ ....ދެން މިކަމާ ދެރަވާނޫ ވޭމަންޑޫ މީހުން...އަދި މައިންގެ ރަށު ގެ މެމްބަރުގެ ވައުދުފުޅެއް މިޔޯޔޫ...

  2. ހުސެން

    މ.މުލަކުގައި އޭޓީއެމެއް ބަ ހައްޓާދޭނީ ކޮންދުވަހަކުންތޯ.

  3. ދިވެހިބިން

    ކޮބާ ދަނގެތި؟ ޓުވަރިޒަމްގެ ވިޔަފާރިން ދަޢުލަތަށް ނަފާ ހޯދޭނީ ވިޔަފާރިތަކަށް ފަސޭހަވެސް ކޮށްދީގެން.

    1
    1