ރ. އިފުރު އެއާޕޯޓާއި އެ ރަށުގައި ގާއިމްކޮށްފައިވާ ރިސޯޓް ހޮޓާ ވިއްކާލާ އަގަކީ 65 މިލިއަން ޑޮލަރު ކަން ހާމަކޮށް އަނެއްކާ ވެސް އެ އެއާޕޯޓް ވިއްކާލަން އިއުލާންކޮށްފިއެވެ.

ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ (ޓީއެސްއެމްއައިސީ) އިން އިފުރުގައި އިންވެސްޓްކޮށް ތަރައްގީ ކޮށްފައިވާ އެއާޕޯޓާއި ހޮޓާ ވިއްކާލަން މީގެ ކުރިން ވެސް އިއުލާން ކުރިއެވެ. އެކަމަކު އެ ފަހަރު ވިއްކާލާނެ އަގެެއް ނުބުނެއެވެ.

ބައިނަލްއަގްވާމީ ޕްރޮޕަޓީ ވިއްކާ މަޖައްލާއެއް ކަމުގައިވާ ދަ ސީއީއޯ މެގަޒިންގައި ޓީއެސްއެމްއައިސީ އިން ކޮށްފައިވާ އިއުލާނުގައި، އެއާޕޯޓާއި ޓޫރިސްޓް ހޮޓާ ވިއްކާލާނެ އަގެއްގެ ގޮތުގައި ލިޔެފައި ވަނީ 65 މިލިއަން ޑޮލަރެވެ.

އިފުރު އެ އާޕޯޓް ގަންނަ ފަރާތަކަށް ބ. ފުނަދޫ ކިޔާ ރަށެއް ވެސް 50 އަހަރުގެ މުއްދަތަށްލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. އެ ރަށަކީ ގާތްގަނޑަކަށް 12 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ.

ރ. އިފުރަކީ 56.52 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އެ ރަށުގައި އެއާޕޯޓްގެ އިތުރުން 300 އެނދު ހިމެނޭ ބީޗްވިލާތަކާއި ހޮޓާތައް ހުރެއެވެ.