ކޮވިޑް-19 އަށް ފައްސިވި މުވައްޒަފު ނިޔާވި މައްސަލާގައި ބަންދު ކުރި ކަނޑިންމަ މޯލްޑިވްސް ރިސޯޓު އަލުން ހުޅުވައިފިއެވެ.

އެ ރިސޯޓް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ނޮވެމްބަރު ނުވަ ވަނަ ދުވަހު އެ ރިސޯޓް ހިންގުން ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓީ ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އެސްއޯޕީއާ ހިޔާލު ވެގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ހިފެހެއްޓީ ކޮވިޑް-19ގެ ހާލަތުގައި ރިސޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޫކޮށްފައިވާ ހުއްދައެވެ.

އެ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި މީހާ ނިޔާވެފައި ވަނީ އޭނާ އަށް ބަލި ޖެހުނުތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އޭނާ ނިޔާވީ، ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ކަމަށް ވާއިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ރިސޯޓުގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

އޭނާ ނިޔާވީ ރިސޯޓުން އޭނާ އަށް ފަރުވާ ދިނުން ލަސްކޮށް، އިހުމާލުވުމުން ކަމަށް އާއިލާގެ އިތުރުން ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ އެ މީހާ ބަލިވެގެން ފަރުވާ ދިނުމަށް ފޮނުވާލި ފަހުން ނިޔާވިއިރު، އޭނާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ ވަޅުލި ފަހުންނެވެ. އެކަން އެނގުމާ އެކު އެ ރިސޯޓް ފުރަބަންދުކޮށް އެރަށުން ގިނަބަޔަކު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ.

އަދި އެ ޓެސްޓުތަކުން އެ ރިސޯޓުން ގިނަބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު