ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100 ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް ފުޅާ ކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ ކޭޝް އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ހިދުމަތަކީ އެއްވެސް ފީ އަކާ ނުލާ ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެއް ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމްކުރެވިގެން ދިޔުމާއެކު މި ޚިދުމަތް ކަސްޓަމަރުންގެ މެދުގައި މަގްބޫލް ޚިދުމަތަކަށް ވަނީ ވެފައެވެ.

އެގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ. ކަސްޓަމަރުންނަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަރުތު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެއެެވެ.

މި ހިދުމަތަކީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް 2014 ވަނަ އަހަރު ތައާރަފް ކުރި ޚިދުމަތެކެވެ. މިހާރު ވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތް އަންނަނީ ފޯރޮކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު