ރާއްޖެއަށް މި އަހަރުގެ ތެރޭގައި ގެންނަން އަމާޒު ހިފި 1.3 މިލިއަން ފަތުރުވެރިންގެ އަމާޒު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހާސިލްވާނެ ކަމުގެ އުންމީދު އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރަށް ކަނޑައެޅި އެއް މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ ދެ މަސް ކުރިން އޮކްޓޯބަރު މަހު ހާސިލް ކުރެވިފައިވާ ކަމަށެވެ.

އަދި މިހާރު އިންްތިޒާރު ކުރަމުން މި އަންނަނީ 1.3 މިލިއަން ފަތުރުވެރިންގެ އުއްމީދީ އަމާޒު ހާސިލް ވާނެ ދުވަހަކަށް ކަމަށް ވިދާޅުވިއެވެ. އެ އަމާޒު މި މަހުގެ އަންގާރަ ދުވަހުގެ ނިޔަލަށް ހާސިލްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ކްރިސްމަސް އާއި އާ އަަހަރާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑު ތަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަތުރުވެރިކަމުގެ ސީޒަން ފެށިގެން ކުރިއަށްދާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ ރެކޯޑް އަދަދަކަށް މައްޗަށެވެ. މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ވަނީ 1.2 މިލިއަނަށް އަރާފައެވެ.

މި އަަހަރު ރާއްޖެއަށް ފަތުރުވެރިން އައި މަންޒިލްތަކަށް ބަލާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިހާތަނަށް ރާއްޖެއަށް 286،434 ފަތުރުވެރިން އައިސްފައި ވެއެވެ.

އެ ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. ރަޝިއާއިން ރާއްޖެއަށް 214،232 ފަތުރުވެރިން އައިސްފައި ވެއެވެ. އެ ލިސްޓުގެ ތިން ވަނައިގައި އޮތް ޖަރުމަނުން ރާއްޖެއަށް 90،737 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 58،514 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެމެރިކާއިން 54،220 ފަތުރުވެރިން އައިސްފައި ވެއެވެ.

ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭނީ ކުރިންވެސް އަމަލުކުރަމުން އައި ގޮތަށް ނައްސި ޕީސީއާރް ނަތީޖާއާ އެކުއެވެ.